ދީނީ ހައްދަފަހަނައެޅި ހަރުކަށި ފިކުރުގެ ސަބަބުން ބެލެނެވެރިން، ދަރިން ސްކޫލަށް ނުފޮނުވައިގެން މި އަހަރު ތެރޭ ޖެންޑާ މިނިސްޓްރީއަށް 362 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ބުނެފި އެވެ.

ރާއްޖޭގެ ހުރިހާ ރަށްތައް ތަމްސީލުވާ ގޮތަށް ކުރޮސް ރޯޑުގައި ބޭއްވި ކައުންސިލަރުންގެ "ވިއަވެތި ރާއްޖެ'' ކޮންފެރެންސްގައި އެންސީޓީސީ އިން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރާ ގުޅޭ ގޮތުން ޕްރެސެންޓޭޝަނެއް ދައްކައިފަ އެވެ.

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހުށަހެޅި އެ ޕްރެސެންޓޭޝަން، ހުށަހަޅައި ދެއްވަމުން ފުލުހުންގެ ފަރާތުން މުހައްމަދު ޔަމާނީ ޖައުފަރު ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން އެމީހުންގެ ދަރިން ސުކޫލަށް ފޮނުވުމަށް ދެކޮޅު ހަދަމުންދާ ކަމަށާއި އަދި، އެ ދަރިން ގަޔަށް ވެކްސިން ޖެހުމަށް ވެސް ދެކޮޅު ހަދާ ކަމަށެވެ. އޭގެ ސަބަބުން އެ ކުދިންނަށް ރަނގަޅު ތައުލީމެއް ނުލިބި، ރަނގަޅު ހަޔާތެއް ބިނާކުރުމަށް މަގުފަހިވެގެން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެކްސިން ނުޖެހުމުގެ ސަބަބުން ކުދިންނަށާއި މުޖްތަމައުއަށް ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވާ ކަމަށް ޔަމާނީ ވިދާޅުވި އެވެ.

"ސްކޫލަށް ނުފޮނުވައިގެން 2019 ވަނަ އަހަރު ވެސް 362 މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ހުށަހެޅިފައި. އަދި ދަރިންނަށް ވެކްސިން ނުދޭ މައްސަލަ އިތުރުވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ،" ޔަމާނީ ވިދާޅުވި އެވެ.

ވެކްސިން ޖެހުމަށް އެފަދަ މީހުން ދެކޮޅު ހަދަނީ، އެއީ މާތްﷲއާ ދެކޮޅު ކަމެއް ކަމަށާއި ނުވަތަ ގަޟާ ގަދަރަށް އިމާން ނުވުވުން ކަމަށް ޔަމާނީ ވިދާޅުވި އެވެ. އަދި ގައިން ގައިން ނާރާ ބަލިތައް ފެތުރެނީ ވެސް ވެކްސިން ޖެހުމުގެ ސަބަބުން ކަމަށް އެފަދަ މީހުން ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިން ސްކޫލަށް ނުފޮނުވައިގެން ޖެންޑާ މިނިސްޓްރީއަށް 362 މައްސަލަ ހުށަހެޅި ކަމަށް އެންސީޓީސީ އިން ބުނި އިރު، އެ މިނިސްޓްރީގެ މީޑީއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެ އަދަދަކީ މިނިސްޓްރީއަށް ޝަކުވާ ހުށަހެޅި މިިނިސްޓްރީން އެޓެންޑްކޮށްފައި ހުރި މައްސަލަތައް ކަމަށާއި ނަމަވެސް އޭގެ ތެރޭގައި ނުނިމި ހުރި މައްސަލަތައް ވެސް ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އާންމު ގޮތެއްގައި އެފަދަ ޝަކުވާއެއް ހުށަހެޅުމުން އެކަން އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާ ގުޅުން ހުރި މުއަައްސަސާތަކާ ހިއްސާ ކުރާ ކަމަށެވެ. އެއަށް ފަހު، މިނިސްޓްރީގެ ޝޯޝަލް ވޯކާސް އެ ގެއަކަށް ޒިޔާރާތް ކުރަން ޖެހިއްޖެ ނަމަ ޒިޔާރާތް ކުރާނެ ކަމަށާއި ނުވަތަ ބެލެނެވެރިޔާ ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލު ކުރާނެ ކަމަށެވެ.

"ބައެއް ހާލަތްތަކުގައި ބެލެނެވެރިން ރަނގަޅު ކުރުމަށް އެއްބަސްވާނެ. ނުނީ ހުރި ދަތިތައް ހިއްސާ ކުރާނެ. އަޅުގަނޑުމެން ދެން މަސައްކަތް ކުރާނީ އެ ދަތިތައް ހައްލު ކުުރުމަށް މެދުވެރިއެއްގެ ރޯލް،" އޮފިޝަލް ވިދާޅިވި އެވެ.

އޭނާ ވިދާޅުވީ، އާއިލާއިން އެފަދަ މައްސަލައެއްގައި އެއްބާރުލުން ނުދޭ ނަމަ، ތަހުގީގީ އިދާރާތަކާ ގުޅިގެން އެޅެން ހުރި ފޔަވަޅުތައް އަޅާނެ ކަމަށެވެ.