27 Nov 2011, 16:05
މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން މިހާރު އެކުލަވާލާފައިވާ ނޫސްވެރިކަމުގެ ގަވައިދުގެ ޑްރާފްޓްގައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 27،28،29 ވަނަ މާއްދާތަކުން ލިބިދީފައިވާ ހިޔާލުފާޅުކުމުގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށް ބުނެ، އެގޮތަށް އެ ގަވައިދު އެކުލަވާނުލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބްރޯޑްކާސްޓިންގް ކޮމިޝަނުން މިހާރު އެކުލަވާލާފައިވާ ސުލޫކީ މިންގަނޑުގައި އެ ޖަމިއްޔާ އިން ކަންބޮޑުވާ ގިނަ ކަންތައްތަކަކާއި ރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ އަދި ނޫސްވެރިކަން ހަނިކުރާ ކަންތައްތަކެއް އެހަބުރި ކަމަށެވެ. އަދި ނޫސްވެރިން ކުށްވެރިވެ، ހަރުކަށި އަދަބު ލިބޭ ފަދަ އެތައް މާއްދާއެއް ވެސް އެޑްރާފްޓްގައި ހިމެނޭ ކަމަށް ވެސް އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލާފައިވާ ގަވައިދުގައިވާ ހުރި ނޫސްވެރިކަން ހަނިކުރާ ކަމަށް އެމްޖޭއޭ އިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ތަފާތު ގޮތްގޮތަށް މާނަކުރެވޭ ފަދަ ބައިތަކާއި އިބާރާތްތައް ބޭނުންކޮށްފައި ހުރުން ހިމެނެ އެވެ. އަދި އެ ޑްރާފްޓްގެ ތިން ވަނަ ހަމައިން ފެށިގެން ހަވަނަ ހަމައާ ހަމައަށް ހުރި ގިނަ ނުގުތާތަކަކީ ވަރަށް ނުސީދާކޮށް ކަންކަން ސާބިތުކުރެވޭ ގޮތަށް ހުރި ނުކުތާތަކެއްކަން އެ ޖަމިއްޔާ އަށް ފާހަގަ ކުރެވޭ ކަމަށް ވެސް އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ނޫސްވެރިކަމުގެ މިންގަނޑުތައް ކަނޑައަޅާއިރު ގާނޫނު އަސާސީގެ 27 ، 28 އަދި 29 ވަނަ މާއްދާ އިން ހިޔާލުފާޅުކުރުމަށް ދީފައިވާ މިނިވަންކަން ހަނިވާ ފަދަ ގޮތަކަށް ހަދާ ގަވައިދެއް ވާނީ ބާތިލް ގަވައިދަކަށް ކަމަށާއި އެފަދަ ގަވައިދަކަށް އެއްވެސް ފަރާތުން އަމަލުނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެމްޖޭގެ ބަޔާނުއިވެ އެވެ.