ރާއްޖެއަށް އެތެރެކުރާ ކެބެޖާއި ލެޓިއުސް މަދުކުރުމަށްޓަކައި ރަށްރަށުގައި އެތަކެތި ހައްދާނެ ހާއްސަ ސިސްޓަމެއް އެކުލަވާލުވުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ފިޝަރީޒް، މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

"ވިއަވަތި ރާއްޖެ" ނަމުގައި ކްރޮސްރޯޑްސްގައި ކުރިއަށްދާ ކައުންސިލަރުންގެ މަހާސިންތާގެ މިއަދުގެ ސެޝަންގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ކެބެޖާއި ލެޓިއުސް އަކީ ފަސޭހައިން ރާއްޖޭގައި ހެއްދޭނެ އެއްޗެހި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އެކަނިވެސް ރާއްޖެއަށް 50 މިލިއަން ރުފިޔާގެ ކެބެޖާއި ލެޓިއުސް އެތެރެކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް އެތެރެކުރާ ކެބެޖާއި ލެޓިއުސް މަދުކުރުމަށްޓަކައި ރ. ވާދޫ އާއި ބ. މާޅޮހުގައި ތަފާތު މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.

"ލެޓިއުސް އަދި ކެބެޖުގެ ބިމުގެ ގޮތުން ބަލާއިރު ގާތްގަނޑަކަށް 10 ސިސްޓަމުން އަޅުގަނޑުމެންނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ހަރަދު ކުރަން މި ޖެހެނީ 10،000 ރުފިޔާ. ހަރަދު ކެނޑުމަށްފައހު 15،000 އެބަ ލިބޭ ހަތަރު މަސް ދުވަސް ތެރޭގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކެބެޖާއި ލެޓިއުސްގެ އިތުރުންވެސް ރާއްޖެ އެތެރެކުރާ ބައެއް ތަކެތީގެ އަގު ވަނީ ޒަހާ ހާމަކުރައްވާފަ އެވެ. އެގޮތުން ސެޕްޓެމްބަރު މަހާ ހަމައަށް ވަނީ 43 މިލިއަން ރުފިޔާގެ ކަރާ އާއި 40 މިލިއަން ރުފިޔާގެ ސްވީޓް މެލަން ރާއްޖެ އެތެރެކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.