ހދ. ނޮޅިވަރަމްގައި ފަތިސްނަމާދަށްދާ ކުޑަކުދިންނަށް ފައިސާ ދޭން ނިންމައިފި އެވެ.

އެގޮތަށް ފައިސާ ދޭން ނިންމާފައި ވަނީ ނޮޅިވަރަމްގެ ޖަމިއްޔާއެއްކަމަށްވާ ޖަމިއްޔަތުއް ރިސާލާއިންނެެވެ.

އެ ޖަމިއްޔާގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ މިއީ ކުޑަކުދިން ނަމާދަށް ދިއުމަށް ބާރު އެޅުމުގެ ގޮތުން ފެށި ކަމެއް ކަމަށެވެ.

އަދި ފައިސާ ދިނުމަށް ނިންމާފައި ވަނީ 10-15 އަހަރުގެ ކުޑަކުދިންނަށް ކަމަށާއި އެކުދިން އެ ހަރަކާތުގައި ބައިވެރިވާކަން އެންގުމަށް ނަން ނޯޓް ވެސްކުރަން ޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ޖައްސަ ޖައްސައި40 ދުވަސްވަންދެން ފަތިސް ނަމާދުކުރީމަ 1000 ރުފިޔާ ދޭނަން. ދެން އަޅުގަނޑުމެން އެ ކުދިން ފަތިސް ނަމާދަށް އާދޭތޯ ބަލާނަން ނަމާދަށްދާ ވަކިބައެއް ލައްވައި." އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އެ ހަރަކާތައް ފައިސާ ހޭދަކުރަނީ ހެޔޮ އެދޭ ފަރާތްތަކުން ދޭ އެހީން ކަމަށެވެ. އެ ހަރަކާތުގައި މިހާރު ވެސް އެ ރަށުގެ ދެ ކުއްޖަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޮޅިވަރަމްގައި 2800 މީހުން އުޅޭ އިރު އެ ރަށުގައި ތިން މިސްކިތް ހުރެ އެވެ.