ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް އިންތިހާބު ކުރާ ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި ބަލާނީ އިއްޔެގެ ނިޔަލަށް ރަށްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އާބާދީއަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސްއިން އެގޮތަށް ނިންމީ އެ ކޮމިޝަނުން ބޭއްވި 542 ވަނަ އާންމު ޖަލްސާގެ ތެރެއިންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު ކުރަން ޖެހޭ ކައުންސިލަރުންގެ ޖުމްލަ އަދަދު ކަނޑައެޅުމުގައި ބަލާނީ ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ސިޓީތަކާއި ރަށްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އާބާދީއަށް ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި އިސްލާހާއެކު ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބޭ ގޮތަށް ވަނީ ކަނޑައަޅާފަ އެވެ.

އިއްޔެ ތަސްދީގު ކުރެވުނު އެ އިސްލާހުގައިވާ ގޮތުން، އިދާރީ ދާއިރާތަކުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ އެރަށުން އިންތިހާބު ކުރެވޭ މެމްބަރުންގެ މައްޗަށް ކަމަށާއި މިގޮތުން 3000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިހާބު ކުރާނީ ފަސް ކައުންސިލް މެމްބަރުން ކަމަށެވެ. އަދި އެ ފަސް ކައުންސިލަރުންގެ ތެރޭގައި ދެ އަންހެން ކައުންސިލަރުން ތިބުން ލާޒިމް ވާނެއެވެ.

އަދި 3000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށެވެ. އަދި އެ ކައުންސިލުތަކުގައި ތިން އަންހެން ކައުންސިލަރުން ތިބުން ވަނީ ލާޒިމް ކޮށްފަ އެވެ.

އަދި 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އާބާދީއެއް އޮންނަ ސިޓީ ކައުންސިލްތަކުގައި 13 ކައުންސިލަރުން ތިބެންޖެހޭ އިރު 60،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި 19 ކައުންސިލަރުން ތިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ބާއްވަން ނިންމާފައިވަނީ އަންނަ އެޕްރީލް ހަތަރު ވަނަ ދުވަހުގަ އެވެ.