ދެހާސް ސަތާރަވަނަ އަހަރު މާލޭގައި ބޮމެއް ހަދައިގެން ވައިގެ މަގުން ދޭން އުޅުނު ވަރުގަދަ ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވީ މާލޭގައި އައިއީޑީއެއް ހަދާފައި ވަނީ ސީރިއާގައި ހުރި ދިވެއްސަކާ ގުޅިގެން އިސްލާމިކް ސްޓޭޓުގެ ލީޑަޝިޕުން އިންސްޓްރަކްޝަން ދީގެން ކަމަށެވެ.

ވައިގެ މަގުން އޭތި ގޮއްވާލައި ދޭން އުޅުނު ވަރުގަދަ ހަމަލާ ނާކާމިޔާބުކޮށްލީ ދިވެހި ފުލުހުންނާއި، އެމްއެންޑީއެފް އަދި ކައުންޓާ ޓެރަރިޒަމް ސެންޓަރު ގުޅިގެން ކަމަށް ސީޕީ ވިދާޅުވި އެވެ.

"ދެހާސް ސަތާރަ ވަނަ އަހަރު ސީރިއާގައި ހުރި ދިވެއްސެއް ވެސް ހިމެނިގެން އިސްލާމިކް ސްޓޭޓުގެ ލީޑަޝިޕުން އިންސްޓްރަކްޝަން ދީގެން ދިވެހިންތަކެއް މާލޭގައި ތިބެގެން އައިއީޑީއެއް ހަދާ، ވައިގެ މަތިން އެއްޗެއް ގޮއްވާލަން ރޭވި އޮޕަރޭޝަން ފްލޮޕް ކުރީ ދިވެހިރާއްޖެއިން،" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެ އޮޕަރޭޝަނަކީ 2017 ވަނަ އަހަރު މުޅި ދުނިޔޭގައި ވެސް ހިންގުނު އެންމެ ބޮޑު ކައުންޓާ ޓެރަރިޒަމް އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން އޮޕަރޭޝަން ކަމަށެވެ.

އެ އޮޕަރޭޝަނުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކާއެކު ދުނިޔޭގެ އެންމެ ބޮޑު ފަސް ގައުމުން މަސައްކަތް ކުރި ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު، ރާއްޖެއަކީ ބައިނަލްއަގުވާމީ ގޮތުން ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތް ކޮށްދޭ ގައުމު ކަމަށެވެ.

ފުލުހުން މިއަދު ވަނީ 2017 ވަނަ އަހަރު އާންމުންގެ ތެރޭގައި ދެ އައިއީޑީއެއް ގޮއްވާލަން މަސައްކަތް ކުރި ކަމަށް ވެސް ބުނެފައެވެ.