ފަސް އަހަރަށް ފަހު އައިޖީއެމްއެޗުގައި ގެސްޓްރޯއެންޓެކޮލަޖީ ނުވަތަ ގޮހޮރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް މިއަދު އެ ހޮސްޕިޓަލްގައި ފަށައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ ގޮހޮރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑރ. ޕަލަނިއައްޕަން އެ ހޮސްޕިޓަލުގެ އޯޕީޑީގައި ބަލި މީހުން ބެލުމާއި އެ ސްޕެޝަލިޓީ އާއި ގުޅުން ހުރި ހިދުމަތްތައް މިހާރު ލިބޭނެ ކަމަށެވެ. އަދި އާއްމުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހައްދާ އުސޫލުގެ ދަށުން މިއަދުންގެ ފެށިގެން ޑރ. ޕަލަނިއައްޕަން އަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް އެ ހޮސްޕިޓަލް އިން ބުންޏެވެ.

އައިޖީއެމްއެޗު އިން ބުނީ ގެސްޓްރޯއެންޓެކޮލޮޖީގެ ހިދުމަތް އެ ހޮސްޕިޓަލުގައި ފެށުމަކީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ރައްކާތެރި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރާއި އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އަދި ގޭސްޓްރޯއެންޓެކޮލޮޖީ އާއި ގުޅުން ހުރި އެންޑޮސްކޯޕީ އާއި ކޮލޮނޮސްކޯޕީގެ ހިދުމަތް އިތުރަށް ތަރައްގީ ކުރުމަށް ވެސް އެ ހޮސްޕިޓަލުން މަސައްކަތްކުރަމުންދާ ކަމަށް އައިޖީއެމްއެޗު އިން ބުންޏެވެ.