27 Nov 2011, 15:28
ބާވީސް ވަނަ ޤައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ދެ ދުވަހުގެ ކުޅުން ނިމުނު އިރު މިކްސް ޑަބަލްސް އިވެންޓާއި ޓީމު އިވެންޓުގެ ފައިނަލަށް ޓީމުތަކާއި ކުޅުންތެރިން ދަތުރުކޮށްފި އެވެ.
މުބާރާތުގައި އިއްޔެ ކުޅެވުނު މިކްސްޑް ޑަބަލްސް ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ޤައުމީ ޗެމްޕިއަން ޕެއާ ކަމަށްވާ ހުސެއިން ނީޝާމާއި އައިމިނަތް ވިޝާމާ ވަނީ ހަސަން ނާޒިމާއި އައިޝަތު ޝަޒްނާ ބަލިކުރުމަށްފަހު ފައިނަލްގެ ޖާގަ ކަށަވަރުކޮށްފަ އެވެ. މިކްސް ޑަބަލްސް ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އަލީ ނިޔާޒާއި އައިމިނަތް ނިފާޝާ ވަނީ އަލީ އަކްރަމް އާއި އައިމިނަތް ވިދާދު ބަލިކުރުމަށް ފަހު ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުކޮށްފައެވެ.
ޓީމު އިވެންޓުގައި ވާދަކުރާ 10 ޓީމަކާއި އިންޑިވިޖުއަލް އިވެންޓުތަކުގައި ވާދަކުރާ 143 ކުޅުންތެރިއަކު ހިމެނޭ މިމުބާރާތުގެ ފުރަތަމަ ދުވަހު ކުޅުން ނިއްމާލިއިރު، ޕްރިމިއާ ޑިވިޝަން ފިރިހެން ޓީމް އިވެންޓުގެ އެއް ވަނަ ޓީމެއްގެ ގޮތުގައި ފައިނަލަށް ދަތުރު ކޮށްފައި ވަނީ ކްލަބް އީގަލްސް އެވެ. އަދި ދެވަނަ ޓީމެއްގެ ގޮތުގައި ހޮވިފައިވަނީ އޯސަމް ކްލަބެވެ. މިބައިގެ އަންހެން ޓީމު އިވެންޓުން ފައިނަލަށް ހޮވިފައިވަނީ ކްލަބް އީގަލްސާއި އޯސަމް ކްލަބެވެ.
މި މުބާރާތުގައި މިއަދު ކުރިއަށް ދާނީ ޑަބަލްސް އިވެންޓުގެ މެޗުތަކެވެ. މިއަދު ކުޅެވޭ ޑަބަލްސް އިވެންޓުގެ ކުޅުން ނިމުމުން ޕްރިމިއާ ޑިވިޝަން އަދި ސެކަންޑް ޑިވިޝަންގެ ޑަބަލްސްގެ ފައިނަލް ތަކުގައި ބައްދަލުކުރާނެ އަންހެން ޕެއާ ތަކާއި ފިރިހެން ޕެއާތައް ކަށަވަރުވާނެވެ. ޑަބަލްސް އިވެންޓުގެ ކުޅުން ނިމުމުން މި މުބާރާތުގެ އެންމެ ވާދަވެރި އިވެންޓުކަމުގައިވާ ސިންގަލްސް އިވެންޓުގެ ކުޅުން ފަށާނެއެވެ.
ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ކުޅިބެލުން ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.