މި ސަރުކާރުގައި ރިސޯޓް ތަރައްގީ ކުރަން ރަށްތައް ދޫކުރަން ނިންމާފައި ވަނީ 12 އަތޮޅަކުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިހާރު ކްރޮސްރޯޑްސްގައި ކުރިއަށްގެންދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 12 އަތޮޅަކުން ރަށްތައް ދޫކުރަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގައި ވައުދުވެލެއްވިގޮތަށް 8000 އިތުރު އެނދު ތަރައްގީކުރުމަށް އަމާޒުކޮށްގެން ކަމަށެވެ.

"މީގެ ތެރެއިން އެންމެ އިސްކަންދީފައިވާނީ ރާއްޖޭގެ އުތުރާއި ދެކުނުން. އަދި ރައީސްގެ މެނިފެސްޓޯ އަދި އެމްޑީޕީގެ މެނިފެސްޓޯ އަދި ކެމްޕޭނަށް ވަޑައިގެން ވިދާޅުވި އެއްޗެއްވިޔަސް އަޅުގަނޑުމެންވާނީ ލާފައި. ފުރަތަމަ ފަހަރަށް ރިޔާސަށް އިންތިހާބަށް ވައުދެއްވެ ވައުދުތައް ފުދޭގޮތަށ އެކުލެވިފަިއވާ ލިސްޓެއް. މީގެ ތެރޭގައި އަޅުގަނޑުމެންވާނީ އެންވާރަމަންޓް އެސެސްމަންޓް ހަދައި އަދި އެރަށުގެ ރައްޔިތުންގެ ސޯޝަލް އިކޮނޮމިކް އެސެސްމަންޓް ވާނީ ހަދައި ނިމިފައި." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުން ފެށިގެން އަލަށް ހުޅުވޭ ރިސޯޓްތަކުން ޓްރެއިން ކޯޑަށް މިހާރު ބަޖެޓު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ރިސޯޓްތައް ހުޅުވޭއިރު މާލެ އަންނަން ޓްރެއިނިން ހަދަން ނުޖެހި އެ ހުޅުވޭ ރިސޯޓެއްގެ ކައިރިން އަޅުގަނޑުމެން ބޭނުންވާ ރިސޯޓްތަކަށް ބޭޏުންވާ ވަޒީފާތަކާއި އެ ވަޒީފާތަކަށް ބޭނުންވާ ތަމްރީން ސަރުކާރާ ވިޔަފާރިވެރިޔާ ގުޅިގެން އަޅުގަނޑުމެން ތަމްރީންކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ކައުންސިލްތަކަށް ދޫކޮށްފަިއވާ ވަރުގަދަ ބާރުތަކާ އެއްގޮތަށް ކައުންސިލްތަކަުން ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް އަލީ ވަހީދު ވަނީ އިލްތިމާސްކުރައްވައިފައެވެ. އަލީ ވަހީދު ވިދާޅުވީ ރައްތަކުގެ މިލްކުވެރިންނަކީ ރާއްޖޭގެ ރައްޔިތުން ކަަމަށާއި އެރަށްތައް މިހާރުވަނީ ލީސްކޮށްގެން ކަމަށާއި އަދި އެރަށްތައް ނަގައިގެން ތިބޭ މީހުންވެސް އެރަށްތައް ކައިރީގައި ތިބޭރަށްރަށުގެ މީހުންނާ ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށެވެ.

މި ދައުރު ނިމެންވާއިރަށް ޓޫރިޒަމްގެ ދާއިރާއަށް މަދުވެގެން 35،000 އެނދު އިތުރު ކުރަން ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.