ހަރުކަށި ފިކުރުމުގެ 1،400 އެއްހާ މީހުން ދިވެހިންގެ ތެރޭގައި މިހާރުވެސް އެބަ ތިބި ކަމަށް ފުލުހުންނަށް މިހާތަނަށް އެއް ކުރެވިފައިވާ ތަފާސްހިސާބުތަކުން އެނގިގެން ގޮސްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، (އެމްސީ ހަމީދު) ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުންނަށް އާމާޒުކޮށް ކްރޮސް ރޯޑްގައި މިހާރު ކުރިއަށްދާ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ހަމީދު ވިދާޅުވީ ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިޔާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަރުކަށި ފިކުރަށް ވަދެގެން ގޮސް، ޖެހިގެން ހުރި މީހާ މަރާލުމަށް ފަސް ނުޖެހޭ ދަރަޖައަށް ބައެއް ދިވެހިންގެ ވިސްނުން ގޮސްފައިވާ ކަމަށެވެ. އެ ފިކުރުގައި ޖެހިފައި ތިބި، ދިވެހިން މިވަގުތުވެސް އުޅެމުން ދާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރުކަށި ފިކުރަށް ވައްދާފައި ތިބި، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސް ނުޖެހޭ ވަރަށް ފިކުރުގެ ތެރެއަށް ވެއްޓިފައި ތިބި 1400 އާ ގާތްކުރާ އަދަދަކަށް ދިވެހިން މިއަދު އަޅުގަނޑުމެންނާ އެކު އެބަ ތިބި،" ކޮމިޝަނަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަފްގާނިސްތާން، ޕާކިންސާންގައި ހިނގި ހަމަނުޖެހުމާއި ހަރުކަށި އަމަލުތަކުގެ ތެރޭގައިވެސް އެތައް 100 ދިވެހިން ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އެނބުރި ރާއްޖެ އައިސް އެ ފިކުރު ފެތުރުމުގެ މަސައްކަތްތަކެއް ކުރާ ކަމުގެ މައުލޫމާތުވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް ވެސް ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތް އައިއެސްގ ގޮފިތައް ދުނިޔޭގެ އެކި ގައުމުތަކުގައި އުފެއްދުމަށް އެ ޖަމާއަތުން މަސައްކަތް ކުރާ އިރު ރާއްޖޭގައި ވެސް އެފަދަ ގޮފިތައް އުފެއްދުމަށް ޝައުގުވެރިވާ ދިވެހިން އެބަ ތިބި ކަމަށެވެ. އެގޮތުން، ދިވެހިންގެ ތެރެއިން ބަޔަކު އަފްގާނިސްތާނުގެ ހުރާސަން ޕްރޮވިންސްގައި އުފައްދަން އުޅުނު އައިސްގެ ގޮތްޕާ ބައިވެރިވުމަކީ އޭގެ ހެއްކެއް ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.