16 Dec 2019, 13:40
ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު އެހެން ވިދާޅުވެފައިމިވަނީ، އަންނަ އަހަރުގެ މާޗް މަހުން ފެށިގެން ރާއްޖެއިން ޖަރުމަން ޝެންގެން ވިސާ ނެގޭނެކަން އިއުލާން ކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
"މިހާރު އަޅުގަނޑުމެން މަސައްކަތްކުރަމުން ދަނީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ދިވެހިންނަށް ވިސާއާއި ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް. މިކަމާއި ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަންއާއި، އެޔޫނިއަންގެ މެމްބަރު ޤައުމުތަކާއިއެކު ވާހަކަ ދެކެވި، މަޝްވަރާތައް ދަނީ ކުރެވެމުން". މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުންނަށް ވިސާގެ ލުއިކަން ހޯދައިދޭ ވަރަށް ބޭރުގެ ގައުމުތަކުގައި ރާއްޖެ އިތުރަށް މަޝްހޫރުވެ އިސްތިހާރު ވަމުން އަންނަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެހެން ގައުމުތަކުން ވެސް އެ ކަމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަަމަށެވެ.
"މީގަ މި ވާގޮތަކީ ހިސާބެއްގެ ވާދަވެރިކަމެއް މިއަންނަނީ. ދިވެހިންގެ މީސްކޮޅު މަދަސް ރާއްޖެއަކީ ދުނިޔޭގައި މިހާރު އޮތް އެންމެ މަޝްހޫރު ފަތުރުވެރިންގެ މަންޒިލް،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަބަމުން ޖަރުމަންވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑްއާ ވިދާޅުވީ، މި އަހަރު އެކަނި ވެސް އެ ގައުމުގެ ރައްޔިތުން ސްރީލަންކާއަށް ދިޔަ އަދަދަށް ވުރެން ގިނައިން ރާއްޖެ ދަތުރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ކުރީ އަހަރަށް ވުރެން 15 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.