ރާއްޖޭގައި ހަރުކަށި ފިކުރު ނުރައްކާ ދަރަޖައަކަށް ގޮސް، ސީދާ ރައްޔިތުންނަށް ބޮޑެތި ގެއްލުން ދިނުމަށް ރާވައި، ރައްޔިތުންގެ ތެރޭގައި ދެ އައިއީޑީއެއް ގޮއްވާލަން މަސައްކަތް ކޮށްފައިވާކަމަށް ކަމާބެހޭ އިދާރާތަކުން މިއަދު ހާމަކޮށްފި އެވެ.

މިހާރު ކްރޮސްރޯޑްސްގައި ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ މަހާސިންތާގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު ގުޅިގެން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒަމް އޮތް މިންވަރު އަންގައިދިނުމަށް ޕްރެޒެންޓޭޝަން އެއް ހުށަހަޅައިފަ އެވެ.

އެ ޕްރެޒެންޓޭޝަނުގައި ޓެރަރިޒަމްގެ ޓައިމްލައިން އަށާއި، ހަރުކަށި ފިކުރަށް ތަބާވަމުންދާ މީހުންގެ ފަރާތުން ފެންނަ މައްސަލަތަކާއި އޭގެ ސަބަބުން މުޖުތަމައު ތެރޭގައި އުފެދޭ މައްސަލަތަކަށާއި ޓެރަރިޒަމްގެ ނުރައްކާ ރާއްޖޭގައި އޮތް މިންވަރަށް ވަނީ ބަލައިލާފަ އެވެ.

ފުލުހުންގެ ފަރާތުން ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވި މުހައްމަދު ޔަމާނީ ޖައުފަރު ވިދާޅުވީ ރާއްޖޭގައި ޓެރަރިޒަމް އާއި ހަރުކަށި ފިކުރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާއި، އެކަން ހުއްޓުވަން އެންމެ މުއައްސަސާއަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

ޓެރަރިޒަމްގެ ޓައިމްލައިން ދައްކާލަމުން ޔަމާނީ ވިދާޅުވީ ޓައިމްލައިނަށް ބަލާލާއިރު، ރައްޔިތުންނަށް ބޮޑެތި ގެއްލުން ދިނުމުގެ ހަރުކަށި ވިސްނުން މިހާރު "ހާޑް އެޕްރޯޗަށް" ބަދަލުވަމުން އަންނަ ކަމަށެވެ.

"މީގެ ޕެޓާން އަށް ބަލާލާއިރު، މި ޕެޓާން އަކީ ދުވަހުން ދުވަހަށް، އަހަރަކަށް ފަހު އަހަރެއް، މީހުންނަށް ނުވަތަ މުއައްސަސާތަކަށް ނުވަތަ ރައްޔިތުންނަށް ބޮޑެތި ގެއްލުން ދިނުމުގައި އިންޓެންޝަންސް ހާޑް އެޕްރޯޗަށް ބަދަލުވާކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އެގޮތުން 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީއަށް ފަހު، 2017 ގައި ދެ އައިއީޑީއެއް ތައްޔާރުކޮށް ރައްޔިތުންނަށް ޓާގެޓް ކުރެވިގެން އެ މަސައްކަތް ކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއަދު ދައްކާލި ޓެރަރިޒަމްގެ ޓައިމްލައިން:

  • 2007:ސަލްޓާން ޕާކުގައި އައިއީޑީއެއް ގޮއްވާލުން،

  • 2007:ހިމަންދޫގައި ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކާ ސަލާމަތީ ބާރުތަކާ ދެމެދު ހިނގައިދިޔަ ކުރިމަތިލުން،
  • 2009:ދިވެއްސަކު ޕާކިސްތާނުގައި ޖާނުންފިދާވުމުގެ ހަމަލާއެއް ދިނުން
  • 2012:ސީރިއާގައި ހިނގާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދިއުން
  • 2014:ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުން،
  • 2014:އައިއެސް ދިދަ ހިފައިގެން މާލޭގެ މަގުތައް މަތީގައި ހިނގާލުމެއް ކުރިއަށް ގެންދިއުން
  • 2017:ޔާމީން ރަޝީދު މަރާލުން
  • 2017:އައިއީޑީއެއް ބޭނުންކޮށްގެން ރާއްޖޭގައި ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން އުޅުން
  • 2019:ހަނގުރާމައަށް މީހުން ފޮނުވާކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކުރުން

ޔަމާނީ ވިދާޅުވީ އެ ޕެޓާން ދައްކާލާފައި ވަނީ، އިތުރު ސަމާލުކަމެއް ދީގެން، މިހާރަށް ވުރެ ބޮޑަށް މިކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭތީ ކަމަށެވެ.

"އިތުރަށް ކޮންސާންޑް ލެވެލްގައި އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭކަމަށް އަޅުގަނޑުމެންނަށް ފާހަގަވާތީ،" އޭނާ ވިދާޅުވި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު މުލީއާގޭ ކައިރީ އައިއީޑީއެއް ގޮއްވާލަން އުޅުނުކަން ސާބިތުވެ، ތިން މީހަކަށް 17 އަހަރުގެ ޖަލު ހުކުމެއް އަދި އެކަކަށް 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

ހަމައެއާއެކު 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާވެސް ވަނީ އުފުލާފައިވެ އެވެ.