16 Dec 2019, 12:26
މާލެ، ހުޅުލެ އަދި ހުޅުމާލޭގައި އެމްޕީއެލްއިން ފޯރުކޮށްދޭ ބަސް ދަތުރުގެ ހިދުމަތުގައި ބޭނުންކުރާ ޓަޗްލިންކް ކާޑާއި، އެ ކާޑު ޓޮޕްއަޕް ކުރުމުގެ ހިދުމަތް ދޭ ތަންތަން ޖެނުއަރީ މަހުން ފެށިގެން ބަދަލު ކުރަން ނިންމައިފި އެވެ.
އެމްޕީއެލްއިން ބުނީ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ހިދުމަތްތައް ލިބޭނީ ހުޅުމާލޭގައި ހުންނަ އެމްޓީސީސީ ފެރީ ޓާމިނަލުންނާއި ކަނޑައަޅާފައިވާ އޭޖެންޓްތަކެއް މެދުވެރިކޮށް ކަމަށެވެ.
ފެރީ ޓާމިނަލްގެ އިތުރުން ދެން އެ ކާޑު ގަނެ، ޓޮޕްއަޕް ކުރެވޭނީ ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި ހުންނަ ފަހި ޕްލާޒާއިންނާއި ދިއްދޫ ހޮޓާ ގޯޅީގައި ހުންނަ މައި މޯލްޑިވްސް ޝޮޕްއިން ކަމަށް އެމްޕީއެލްއިން ބުންޏެވެ.

ހުޅުމާލޭގައި މިހާރު ބަސްކާޑާއި، އެ ކާޑް ޓޮޕްއަޕް ކުރުމުގެ ހިދުމަތް ދެމުން އަންނަނީ ނިރޮޅު މަގުގެ އެއާޕޯޓް މެއިން ބަސް ސްޓޮޕް ކައިރީގައި ހުންނަ އެމްޕީއެލްގެ ޕޯސްޓަކުންނެވެ.
ނަމަވެސް ޖެނުއަރީ އެއް ވަނަ ދުވަހު ގެންނަ އާ ބަދަލާއެކު އެ ޕޯސްޓުން އެ ހިދުމަތް ދިނުން ހުއްޓާލާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.
އެމްޓީސީސީ ފެރީ ޓާމިނަލްތަކުން ބަސް ކާޑު ރީޗާޖު ކުރެވޭ ހިދުމަތް ތައާރަފް ކުރުމަށްޓަކައި އެމްޕީއެލްއާއި އެމްޓީސީސީއިން ވަނީ އޮކްޓޫބަރު މަހު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މާލެ، ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރުތަކަށް ޓަޗްލިންކް ކާޑުން އަގު ނަގަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގަ އެވެ. އަދި ނޮވެމްބަރު މަހު ބަސް ދަތުރުތަކަށް ޓިކެޓް ވިއްކުން ވަނީ ހުއްޓާލާފަ އެވެ.