16 Dec 2019, 11:43
އަންނަ އަހަރުގެ މާޗް މަހުން ފެށިގެން ރާއްޖެއިން ޖަރުމަން ޝެންގެން ވިސާ ނެގޭނެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިއުލާން ކުރައްވައިފި އެވެ.
މިނިސްޓަރު ޝާހިދު މިކަން އިއުލާންކުރެއްވީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި، ޖަރުމަންވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑްއާ އެކު ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގަ އެވެ.
މި ނޫސް ކޮންފަރެންސްގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުމަށް ދިވެހިން މިހާރު ވިސާ ނަގަން ދާން ޖެހެނީ އިންޑިއާގެ ދިއްލީއަށް ނުވަތަ ސްރީލަންކާއަށް ކަމަށްވާތީ، އެއީ ދިވެހިންނަށް އުފުލަން ޖެހިފައިވާ ބުރައެއް ކަމަށެވެ.
އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯދުމަށް ޖަރުމަންވިލާތާއި، އީޔޫ އަދި ޔޫރަޕްގެ އެހެން ގައުމުތައް އަދި ޝެންގެން ވިސާގެ ހިދުމަތް ދޭ ވީއެފްއެސް ގްލޯބަލްއާއިއެކު ދިވެހި ސަރުކާރުން މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ފުރަތަމަ ޖަރުމަންވިލާތުން އެކަނި މި ހިދިމަތް ދިން ނަމަވެސް އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ލިބޭނެ މަގުފަހިކޮށްދޭނެކަމަށް،" މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.
ރާއްޖެއަކީ ކޮންމެ އަހަރަކުވެސް އެތައް ލައްކަ ފަތުރުވެރިންނަކަށް މަރުހަބާ ކިޔާ ގައުމެއްކަން ފާހަގަކުރައްވައި، އެކަން އެގޮތުގައި ބޭއްވުމަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހުންނަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ. އެގޮތުން މިހާރުވެސް ރާއްޖެއަށް ޒިޔާރަރްކުރާ ފަތުރުވެރިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
ޖަރުމަންވިލާތުގެ ސަފީރާއިއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރ ޝާހިދު ވިދާޅުވީ މިހާރުވެސް ދުނިޔޭގެ 84 ގައުމަކަށް ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެ އެވެ.
މިއަހަރު އެކަނިވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ތައިލެންޑަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ވިސާ ވެއިވާ އެގްރިމެންޓްތައް ހަދާފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އިންޑިއާ، ސްރީލަންކާއިން ވިސާގެ ބޮޑެތި ލުއިފަސޭހަތަކެއް ދިވެހިންނަށް ހޯދައިދެވިފައިވާ ކަމަށެވެ.
"ދިވެހި ޕާސްޕޯޓަކީ، އޭގައިވާ ސަލާމަތީ ސިފަތަކާއިއެކު، ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓް،" ދިވެހި ޕާސްޕޯޓްގެ ރައްކާތެރިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއިން ޝެންގެން ވިސާ ދޫކުރުމުގެ ހިދުމަތް ފަށަނީ މާޗް މަހުން ފެށިގެން ނަމަވެސް، އަންނަ އަހަރު ޖަރުމަނުގެ ބާލިންގައި އޮންނަ އައިޓީބީ ފެއާގައި ބައިވެރިވުމަށް އެގައުމަށް ދަތުރުކުރާ ދިވެހިންނަށް ހާއްސަކޮށް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 3-5 އަށް ޖަރުމަން ޝެންގެން ވިސާ ދޫކުރުމަށް ވަގުތީ ޑެސްކެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓަރު ވަނީ، ޝެންގެން ވިސާ ރާއްޖޭގައި ތިބެގެން ނެގޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވި ކަމަށް ޓަކައި، ޖަރުމަން ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"މިއީ އަޅުގަނޑުމެންގެ ދެގައުމުގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާވަމުންދާކަމުގެ ހެއްކެއް،" މިނިސްޓަރު ވިދާޅުވި އެވެ.