މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ނޫން ބަޔަކަށް ލާމަރުކަޒީ ނިޒާމު ހިންގަން ނޭނގޭނެ ކަމަށާއި، އެހެންކަމުން އެހެން ބައެއްގެ އަތްމައްޗަށް އެ ނިޒާމުގެ ކަންކަން ހިންގަން ދޫކޮށްނުލުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

"ވިއަވަތި ރާއްޖެ" ނަމުގައި މިހާރު ކްރޮސްރޯޑްސްގައި ކުރިއަށްދާ ކައުންސިލަރުންގެ މަހާސިންތާގެ މިއަދުގެ ސެޝަން ފައްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށާއި، އެހެން ކަމުން އެމްޑީޕީ ނޫން ބަޔަކަށް އެ ނިޒާމު ހިންގޭނެ ކަމަށް ގަބޫލުކުރުމަކީ ގޯހެއް ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމުން ދުރުކޮށްފައި އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން މުޅި ރާއްޖެތެރެ އުވާލާށޭ ވިސްނެވެނީ. ދެން އަޅުގަނޑު ހިތަށް އެރީ އެންމެ ފަހުން ކޮން ރަށެއްގެ ބޮކި ނިއްވާލާފަ ބާއޭ، ހުޅުމާލެއަށް ވަޑައިގަންނަވަން އެއުޅެނީ. މުޅި ހުޅުމާލެ އެކީގައި، މާލެ ކައިރީ އޮތްހާ ތަނެއް ހިއްކާފައި، އެތަނަށް ނިލަންދޫއިން ވެސް ބާރަ އާއިލާ ގެނައި ކަމަށް މިއަދު ވެސް ނޫހުގައި އޮތް،" ނަޝީދު ވިދާޅުވިއެވެ.

އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހު ތަސްދީގުކޮށްދެއްވައިފައެވެ. އެ އިސްލާހާއެކު ލާމަރުކަޒީ ގާނޫނުގެ ދަށުން، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ވަނީ ލިބިފައެވެ.

މަހާސިންތާގެ މިއަދުގެ ސެޝަންގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/މަޖިލިސް

އަދި އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ވެސް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދިނުމަށް ވަނީ ހިމަނައިފައެވެ.

ނަޝީދު ވިދާޅުވީ ފާސްކޮށްފައިވާ ބޮޑު ބަޖެޓާއި، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދޭ ބާރުވެރިކަމާ އަދި ލާމަރުކަޒީ ގާނޫނުން ހާސިލްކުރަން ބޭނުންވާ ތަރައްގީ އަކީ އެހެން ބަޔަކަށް ކުޑަކޮށް ވެސް އެނގޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

"ރަށެއްގެ ރައްޔިތުން އެހެން ބަޔަކާ ބަޔަކާ މި މަސައްކަތް ހަވާލުކުރަން އުޅެފިއްޔާ އަނެއްކާވެސް އަޅުގަނޑު ދަންނަވާނީ ހަމަ ތިޔަ ހެދެނީ ވަރަށް ބޮޑު ގޯހެކޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ ނޫން ބަޔަކަށް މި ލިބުނު ބޮޑު ބަޖެޓު ގެންގުޅޭނެ ގޮތެއް، ބަޖެޓު ލިބުނު ގޮތެއް، ބަޖެޓަށް ހަދާނެ ގޮތެއް ވެސް ނޭނގޭނެ ކަމަށެވެ. މިއުޅެނީ ސޮލަވާތްފުޅު ކިޔަވާލާފައި ނިންމާލަން ނޫން ކަމާއި، އަދި ބާރުތަކާ ފައިސާ ދެނީ އާއިލާ މީހުންނަށް ވަޒީފާ ދޭން ނޫންކަން ވެސް އެމްޑީޕީ ނޫން ބަޔަކަށް ނޭނގޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ އިގްތިސޯދީ ހަރަކާތް ހިންގުން ކަމަށެވެ. އެހެންކަމުން މީހުންނާއި ވަޒީފާތަކަށް ފައިސާ ހަރަދުނުކޮށް، އިގްތިސޯދީ ޕްރޮގްރާމްތަކަށް ފައިސާ ހަރަދުކުރުމަށް ނަޝީދު ވަނީ މަހާސިންތާގެ ބައިވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ.

"ލާމަރުކަޒީ ނިޒާމު ފެއިލް ވެއްޖެ ނަމަ، އެއީ އަޅުގަނޑުމެންގެ ސިޔާސީ ހަޔާތުގެ އެންމެ ބޮޑު ނާކާމިޔާބީ. އެހެންވީމަ އެމްޑީޕީ ނޫން ބައެއްގެ އަތްމައްޗަށް މިކަން ދޫކޮށްލެވޭކަށް ނެތް،" ވާހަކަފުޅު ނިންމަވާލައްވަމުން ނަޝީދު ވިދާޅުވިއެވެ.