ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްދާ މިއަހަރުގެ ޤައުމީ ވޮލީ ލީގުގައި ދިވެހި ސިފައިންގެ ކުލަބު ކުޅުނު ފަސް ވަނަ މެޗުން ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

ސިފައިންގެ ކުލަބު ފުރަތަމަ ފަހަރަށް މިމުބާރާތުން ބަލިވެފައިވަނީ ރޭ ކުލަބު ޕީކޭ އާއި ދެކޮޅަށް ކުޅުނު މެޗުން ތިން ސެޓު އެއް ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މިމެޗްގެ ސެޓްތައް ދެޓީމުން ގެންގޮސްފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ދެ ސެޓު ގެންދިޔައީ ޕީކޭއިންނެވެ. އެއީ 25-22 އަދި 25-15 25- އިންނެވެ. އަދި ތިން ވަނަ ސެޓު 26-24 އިން ކާމިޔާބު ކުރީ ސިފައިންގެ ކުލަބުންނެވެ. އެކަމަކު މެޗުގެ ފަހު ސެޓް ޕީކޭ އިން ކާމިޔާބު ކުރީ 25-19 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިންއަކީ ޕީކޭގެ ބިދޭސީ ކުޅުންތެރިއާ އެސްއޭ ޖަނަތެވެ.

ނޮވެމްބަރު 17 ވަނަ ދުވަހު ފެށުނު މިމުބާރާތުގައި ދިވެހި ސިފައިންގެ ކުލަބުންވަނީ ނާވައިދޫ ޒުވާނުންގެ ޖަމުޢިއްޔާއާއި، ސްޕޯޓްސް ކުލަބު ގޫޑިސްއާއި، ސްޕޯޓްސް ކުލަބު ސިޓީއާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ވާދަކޮށް މޮޅުވެފައެވެ.

ލީގު އުސޫލުން ކުޅޭ މިމުބާރާތުގައި ދިވެހި ސިފައިން ކުލަބު ދެން ވާދަކުރާނީ އެސްޓީއޯ ރެކްރިއޭޝަންއާ ދެކޮޅަށެވެ. މިމެޗު ކުޅޭނީ މާދަމާ ހަވީރު 17:00 ގައެވެ.

މިމުބާރާތުގައި ރޭ ކުޅުނު ދެ ވަނަ މެޗް ކާމިޔާބު ކުރީ ޕޮލިސް ކުލަބުންނެވެ. އެސްޓީއޯ އާއި ވާދަކޮށް ޕޮލިސް ކުލަބުން ރޭގެ މެޗް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-14، 25-15 އަދި 25-19 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ އިސްމާއިލް ސާޖިދެވެ.

ލީގުގައި މިއަދު ކުޅޭ ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗުގައި މިއަދު ހަވީރު 17:00 ގައި ބައްދަލުކުރާ ދެޓީމަކީ ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ. އަދި ދެ ވަނަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ސްޕޯޓްސް ކްލަބް ގުޑީސްއާ ސްޕޯޓްސް ކްލަބް ސިޓީ އެވެ.

ޤައުމީ ވޮލީ ލީގުގައި ވާދަކުރަނީ މިދިޔަ އަހަރުގެ ގަދަ ހަ ޓީމާއި މި އަހަރުގެ ގައުމީ ވޮލީ ލީގުގެ ދެ ވަނަ ޑިވިޝަނުން ކޮލިފައިވި ދެ ޓީމާ އެކު ޖުމްލަ އަށް ޓީމެވެ. މިގޮތުން މިމުބާރާތުގެ މުބާރާތުގައި ވާދަކުރާ އަށް ޓީމަކީ، ދިވެހި ސިފައިންގެ ކުލަބާއި، ޕޮލިސް ކުލަބާއި ނައިވާދޫ ޒުވާނުންގެ ޖަމްއިއްޔާ އާއި ސްޕޯޓްސް ކުލަބް ގްޑީސްއާ، ސްޕޯޓްސް ކުލަބް ސިޓީ އާއި ކުލަބް ޕީކޭ އާއި އެސްޓިއޯ އަދި ކަސްޓަމްސް އެވެ.
މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ޓީމަކީ ދިވެހި ސިފައިންގެ ކުލަބެވެ.