16 Dec 2019, 11:22
މިއަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމު ބަވަތިގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) އާ ފިލްމެއްގެ މަސައްކަތް ފަށައި އެ ފިލްމުގެ ނަން އިއުލާންކޮށްފިއެވެ.
ނީނާގެ ނަމުން ނަންދީފައިވާ އެ ފިލްމުގެ ނަން ހާމަކުރުމަށް އައިފިލްމްސް އިން ރޭ ވަނީ ވީޑިއޯކޮޅެއް ލާފައެވެ. ”ހަމްދުއަށް އެނގޭތަ މަގޭ ނަމުގެ މާނަ؟“ ވީޑިއޯ ފެށެނީ ފިލްމުގެ ލީޑު ތަރި ނުޒުހަތު ޝުއައިބުގެ ސުވާލަކުންނެވެ. ސުވާލުގެ ޖަވާބު ދެމުން ފިލްމުގެ ފިރިހެން ބަތަލު ބުނީ ‘އުނހޫ ކިޔާބަލަ’ މިހެންނެވެ.
ފިލްމުގެ ވީޑިއޯކޮޅު ވަރަށް ޝައުގުވެރިކޮށް ނިމިގެންދިޔައިރު ވީޑިއޯކޮޅުގައި ފިލްމުގެ ބަތަލު އާދޭހުގެ ރާގެއްގައި ނީނާ އަށް ގޮވާ އަޑެވެ.
ފިލްމުގެ ލީޑު ތަރިންނަކީ ޖުމައްޔިލް، ނުޒޫ އަދި ޝަރަފްެއެވެ.
ފިލްމުގައި ޖުމައްޔިލް ނިމާލްގެ އިތުރުން ފިލްމު އިންޑަސްޓްރީ އަށް އާ މޫނެއް ކަމަށްވާ ޝަރަފް އަބްދު الله ފެނިގެންގެންދާނެއެވެ. އެ ތަރިންގެ އިތުރން ފިލްމުން ފެނިގެންދާނީ ހަމްދާން ފާރޫގު، އަލީ ޔޫޝައު، ނާޖިހާ އަޒޫރު، އަލީ އިނާޒް، މުހައްމަދު އަލީ، ހަސަން ޝިނާންގެ އިތުރުން މަރިޔަމް ޝަކީލާ އާދަމްއެވެ.
މި ފިލްމުން މިދާއިރާއަަށް އާ މޫނުތަކެއް ތައާރަފްވާނެއެވެ. އެއީ ނަތާޝާ ޖަލީލް، އިބްރާހިމް ޝާއިފް އަދި ހަސަން ސާމިހު މުހައްމަދެވެ.
ފިލްމުގެ ކެމެރާމަން އަކީ ކަނޑިއެވެ. އެޑިޓިން އެންޑް ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރަނީ އޯކޭޒްއިންކް އިންނެވެ. މި ފިލްމުގެ ސްކްރިޕްޓް އަލީ އިއްލެގެ ސްކްރިޕްޓެވެ. އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ”ބަވަތި“ ގެ ލީޑުން ފެނިގެންދިޔަ އަހްމަދު އިފްނާޒް ފިރާގް އެވެ. މި ފިލްމުގެ ވެސް ޕްރޮޑިއުސަރުންނަކީ އާސިމް އަލީ އާއި އަޙްމަދު ވަހީދު އެވެ.
މި ފިލްމުވެގެންދާނީ އިއްލެގެ ދެވަނަ ފީޗާ ފިލްމަށެވެ. ފިލްމު ބަވަތި އިނއ ބެލުންތެރިންގެ އިތުބާރު ހޯދި އިއްލެގެ މި ފިލްމުވެސް ފުރިހަމަވާނެ ކަމަށް ބެލެވެއެވެ. ވަރުގަދަ ބޮޑު ކާސްޓަކާއެކު އުފައްދާ އެ ފިލްމު ސްކްރީނަށް އަންނާނީ އަންނަ އަހަރުގައެވެ.