އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ "ގުޑް ނިއުސް"ގެ ޓްރެއިލާ ދައްކާލުމަށްފަހު އެ ފިލްމުގެ އާ ލަވައެެއް ދައްކާލައިފިއެވެ.

އެ ފިލްމު އަޅުވާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ކުރިން މި ފިލްމު އަޅުވަން ނިންމީ މިދިޔަ ސެޕްޓެމްބަރ މަހުގެ ހަވަނަ ދުވަހު އެވެ.

ތަނިޝްގް ބަގްޗީގެ މިއުޒިކަށް ހަދާފައިވާ މާނާ ދިލް މިހާރު އާންމުކޮށްފައިވާއިރު އެ ލަވަ ކިޔާފައިވަނީ ކާމިޔާބު ލަވަކިޔުންތެރިޔާ ބީ ޕްރާކެވެ.

"ގުޑް ނިއުސް"ގެ ވާހަކަ ބިނާކޮށްފައި ވަނީ ދަރިއަކު ހޯދުމަށް މަސައްކަތް ކުރާ ދެމަފިރިންގެ ދިރިއުޅުމުގެ މައްޗަށެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ ރާޖް މެހެތާއެވެ.

އެ ފިލްމަކީ މަޖާ ފެމެލީ ޑްރާމާއެކެވެ. އަކްޝޭ ލީޑުން ފެނިގެންދާއިރު އަންހެން ލީޑުން ފެނިގެންދާނީ ކަރީނާއެވެ. އޭގެ އިތުރުން، "ގުޑް ނިއުސް" ގައި މުހިންމު ރޯލުތަކުން ދިލްޖީތު ދޯސާންޖް އަދި ކިއާރާ އަދްވާނީ ވެސް ފެންނާނެއެވެ. އަދި ކަރީނާގެ ދަރިފުޅު ތައިމޫރު ވެސް ހާއްސަ ފެނިލުމަކުން ފެނިގެންދާނެއެވެ.