16 Dec 2019, 10:12
ސަރުކާރުން ހިންގާ މަޝްރޫއުތައް ދެފުށް ފެންނާނެ ގޮތަކަށް ހިންގުމަށްޓަކައި އަދި ސަރުކާރުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް މަގުފަހިކުރުވުމުގެ ގޮތުން ސަރުކާރުން"އައިލްސް"ގެ ނަމުގައި މިއަދު ވެބްސައިޓެއް ލޯންޗުކޮށްފިއެވެ.
ރައީސް އޮފީހުން އިސްނަގައިގެން ތައްޔާރުކޮށްފައިވާ މި ވެބްސައިޓު ލޯންޗުކޮށްފައި ވަނީ މިހާރު ކްރޮސްރޯޑްސްގައި ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ މަހާސިންތާގައެވެ.
ވެބްސައިޓް ލޯންޗުކުރުމުގެ ގޮތުން އެ ވެބްސައިޓާ ގުޅޭ މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވީ މި ވެބްސައިޓު ނުވަތަ ޕޯޓަލް އަކީ، މީގެ ދިހަވަރަކަށް އަހަރު ކުރިން ލޯންޗުކޮށްފައިވާ ޕޯޓަލް އެއް ކަމަށެވެ.
ޝައުނާ ވިދާޅުވީ ވެބްސައިޓުގެ އެންމެ ބޮޑު އެއް މަގްސަދަކީ ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު އާންމު ފަރާތްތަކާ ހިއްސާކުރުމާއި މައުލޫމާތު ލިބިގަތުމަށް ރައްޔިތުންނަށް ވީހާވެސް ފަސޭހަ ގޮތެއް މަގު ފަހިކޮށްދިނުން ކަމަށެވެ.
އިންޓަރެކްޓިވް ގޮތަކަށް އަދި ބޭނުންކޮށްލަން ފަސޭހަ މި ވެބްސައިޓުގައި ކޮންމެ ރަށެއްގެ ވެސް އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ހިންގޭ އެންމެހާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ލިބެން ހުންނާނެއެވެ.
ހަމައެއާއެކު މަޝްރޫއުތަކަށް ކުރެވޭ ހަރަދުތަކުގެ ތަފްސީލާއި، މަޝްރޫއު ކުރިއަށް ގޮސްފައިވާ ހިސާބާއި މަޝްރޫއުއާ ގުޅޭ އެހެނިހެން މުހިންމު މައުލޫމާތު ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ވެބްސައިޓު މެދުވެރިކޮށް ދެން ލިބޭ މައުލޫމާތު ތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކަށް ގުޅޭނެ ގޮތުގެ މައުލޫމާތާއި މީހުން ދިރިއުޅޭ ރަށްތަކާއި މީހުން ދިރިނޫޅޭ ރަށްތަކާއި ރިސޯޓުގެ ގޮތުގައި އޮޕަރޭޓް ކުރާ ރަށްތަކާއި ސިނާއީގޮތުން ބޭނުންކުރެވޭ ރަށްތަކާއި ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ރަށްތަކާއި ތަންތަނުގެ މައުލޫމާތު ހިމެނެއެވެ.
އޭގެ އިތުރުން ރަށްރަށުގެ ފޮޓޯ އާއި، ރަށް ނިސްބަތްވާ އިންތިހާބީ ދާއިރާއާއި ޕޯސްޓް ކޯޑާއި، ބިމުގެ ބޮޑުމިނާއި އާބާދީ އެނގޭފަދަ ސްނެޕްޝޮޓް ވެސް ވެބްސައިޓުގައި ވެއެވެ.
ރަށްތަކުގެ އާންމު މައުލޫމާތުގެ ތެރޭގައި ބޯހިމެނުމުގެ ހިސާބުތަކާއި އަދި ރަށު ކައުންސިލްގެ އިދާރާއިން ގެންގުޅޭ އާބާދީގެ ހިސާބުތަކާ ރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އާބާދީގެ އަދަދުތައް ވެސް ވެބްސައިޓުން ލިބެން އެބަހުއްޓެވެ.
އަދި އެރަށެއްގެ ހާލަތު ވަޒަންކުރެވޭ މިންވަރަށް މައުލޫމާތު ހޯދުމުގެ ގޮތުން ކަނޑައަޅާފައިވާ ވަކި ކެޓަގަރީތަކެއްގެ މައުލޫމާތު ހިމަނާފައިވެއެވެ. އެގޮތުން ޕަބްލިކް ޔުޓިލިޓީތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތަކާއި ބޯހިޔާވަހިކަން އަދި ސިއްހަތު ފަދަ ދާއިރާތަކުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެމުން ދަނީ ކޮން އިދާރާތަކެއް މެދރުވެރިކޮށް، ކޮން ގޮތަކަށް ކަން ތަސައްވުރު ކުރެވޭ މިންވަރަށް ވެބްސައިޓުން މައުލޫމާތު ލިބެން ހުންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ހަމައެއާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ގުޅިގެން ރަށެއްގެ އިގްތިސޯދީ ފިގާޒްތައް ވެސް ވެބްސައިޓުން ފެންނާނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝައުނާ ވިދާޅުވިއެވެ.
"އެއީ ރަށެއްގެ ޖީއެސްޓީ އާއި ވޯކިން ޕޮޕިއުލޭޝަން އާއި އަދި ރަށަކަށް ލިބޭ އާމްދަނީ އާއި މި ހުރިހާ މައުލޫމާތެއް ވެސް މުސްތަގުބަލުގައި ފެނިވަޑައިގަންނަވާނެ،" ޝައުނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންމެ ރަށެއްގައި ރަޖިސްޓާ ވެފައިވާ ނުވަތަ މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައުލޫމާތާއި ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ފާސްވެފައިވާ ނަމަ، އެ ޕްލޭން ވެސް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.
ހަމައެއާއެކު ކޮންމެ ރަށެއްގެ 2019 ވަނަ އަހަރުގެ އަދި 2020 ވަނަ އަހަރަށް ބަޖެޓުގައި ލަފާކޮށްފައިވާ ހުރިހާ ޕީއެސްއައިޕީ ޕްރޮޖެކްޓެއްތަކާއި އަދި އެ ޕްރޮޖެކްޓުތަކުގެ ފަންޑިން އެޖެންސީއަކީ ކޮބައިކަމާއި ކޮންމެ ރަށެއްގެ އިންތިހާބުވެފައިވާ ކައުންސިލަރުންގެ މައުލޫމާތާއި އަދި ކޮންމެ ދާއިރާއެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައުލޫމާތު ވެސް ވެބްސައިޓުން ފެންނާނެއެވެ.
"މީގެ ބޭނުމަކީ ހަގީގަތުގައިވެސް ސަރުކާރުގައި ހުރި މައުލޫމާތު އާންމު ރައްޔިތުންނާ ހިއްސާކުރުން އަދި މި ޕްރޮޖެކްޓުތައް އަވަސް މިނުގައި ހިންގުމުގައި ދައުލަތުގެ އިދާރާތަކަށް ވެސް ސަރުކާރުގެ މުއައްސަސާތަކަށް ވެސް އިތުރު ބާރެއް އެބަ ލިބޭ މި މައުލޫމާތުތައް ވީހާވެސް ހާމަކަން ބޮޑުކޮށް ފެނިގެން ދިޔައީމަ،" ޝައުނާ ވިދާޅުވިއެވެ.
އައިލްސް ވެބްސައިޓުގައި ކޮންމެ ރަށެއްގެ ވެސް އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ހިންގޭ އެންމެހާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ލިބެން ހުންނާނެއެވެ.