27 Nov 2011, 15:22
ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް އިންޑިއާ ޓެން ސްޕޯޓްސް އިން ދައްކާގޮތަށް ހަމަޖައްސައިފި އެވެ. ޓެން ސްޕޯޓްސް އިން ސާފް ޗެމްޕިއަންޝިޕްގެ ފަނަރަ މެޗު ލައިވް ކުރަން ވަނީ ނިންމާފަ އެވެ.
އަންނަ މަހު ދޭކުން 11 އަށް އިންޑިއާގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމް ގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ޖުމްލަ އަށް ގައުމަކުން ބައިވެރި ވެފައި ވެއެވެ. ސައުތު އޭޝިޔާ ސަރަހައްދުން ބައިވެރިވި މި އަށް ގައުމަކީ ދިވެހިރާއްޖެ، އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، ނޭޕާލް، ސްރީލަންކާ، ބޫޓާން އަދި އަފްޣާނިސްތާނެވެ.
"2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ޓީވީން ދެއްކުމަށް އަހަރެމެން އުފާކުރަން. މިމުބާރާތުން ކުރިއަރާނީ ހަމައެކަނި މިސަރަހައްދުގެ ފުޓުބޯޅަ އެއް ނޫން. މިމުބާރާތުން އަވައްޓެރި ގައުމު ތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ." ޓެން ސްޕޯޓްސްގެ ސީއީއޯ އަތުލް ޕާންޑޭ ބުންޏެވެ.
މުމުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި، ސްރީލަންކާ އާއި، އަފްޣާނިސްތާން އަދި ބޫޓާން އެވެ. ގްރޫޕް ބީ ގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ދިވެހިރާއްޖެ އާއި، ނޭޕާލް އާއި، ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.