އައްޑޫ ސިޓީގެ އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު އިމާރާތުގައި ތަރައްގީކުރި އާ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ބައެއް ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ.

އެގޮތުން އެ ހޮސްޕިޓަލްއިން ވަނީ 10 ނަރުހުންނާއި ދެ ދާއިމީ ފާމަސިސްޓުންނާއި އަދި ދެ ވަގުތީ ފާމަސިސްޓުން ހޯދަން އިއުލާންކޮށްފައެވެ.

އާ ހޮސްޕިޓަލް ހިންގާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހެލްތު ސާވިސާސް މެނޭޖަރު ޝަރަފުއް ސާދާތު "ސަން" އަށް މިރޭ ވިދާޅުވީ ނަރުހުން ހޯދާއިރު އިސްކަންދޭނީ ދިވެހިންނަށް ކަމަށާއި އަދި ބޭރު ނަރުހުން ހޯދާނީ ދިވެހިން އެމަގާމުތަކަށް ނުލިބިއްޖެނަމަ ކަމަށެވެ.

ހޮސްޕިޓަލްއަށް ހޯދަން އިއުލާންކުރި ނަރުހުންގެ ތެރޭގައި ކްލިނިކަލް، ސީނިއަރ ރެޖިސްޓާރޑް އަދި ރެޖިސްޓާރޑް ނަރުހުން ހިމެނެއެވެ. އެ މަގާމުތަކުގެ ނަރުހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 9000 އާއި 11000 ރުފިޔާއާ ދެމެދުގެ އަދަދެއް މުސާރައިގެ ގޮތުގައި ލިބެއެވެ. އޭގެ އިތުރުން ނުކުންނަ ދުވަހަކަށް 188 ރުފިޔާއާއެކު އިތުރު ގަޑީގެ ފައިސާވެސް ލިބެއެވެ.

ހޮސްޕިޓަލްއިން ހުޅުވާލި ފާމަސިސްޓުންގެ ވަޒީފާއަށް 5000 އާއި 6500 ރުފިޔާއާ ދެމެދުގެ އަދަދެއް މުސާރަިއގެ ގޮތުގައި ލިބެއެވެ.

ނަރުހުންނާއި ދާއިމީ ފާމަސިސްޓުންގެ މަގާމުތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ގެކުރިން ލިޔެކިޔުންތަކާއެކު ހުށަހަޅަން ޖެހެއެވެ. އަދި ވަގުތީ ފާމަސިސްޓުންގެ މަގާމަށް ކުރިމަތިލާން ބޭނުންނަމަ މިމަހުގެ 19ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

އައްޑޫ ހޮސްޕިޓަލްއިން މިއަދު ހިދުމަތްދޭން ފަށަން އޮތް ނަމަވެސް އެކަށީގެންވާ ވަރަށް ތައްޔާރީތައް ނުނިމުމުން އެ ހޮސްޕިޓަލްގެ ހިދުމަތް ފެށުން ވަނީ ފަސްކޮށްފައެވެ.

އާ ހޮސްޕިޓަލްއަކީ 100 އެނދުުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލްގައި މިވަގުތު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުންނާއި 73 ނަރުހުން ތިބެއެވެ.

އާ ހޮސްޕިޓަލް ހުޅުވިނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މީހުން އެޑްމިޓްކުރުމާއި އިމަޖެންސީއާއި ބައެއް އޮޕަރޭޝަންތަކާއި އަދި ވިއްސުންފަދަ ހިދުމަތްތައް ދޭނެއެވެ.