އަންހެނެއްގެ ހެދުން ސައިކަލެއްގެ ފޮރުޅުގައި އޮޅިގެން އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގީ މިތޭ 08:18 ކަންހާއިރު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން އަންހެނެއްގެ ހެދުން ސައިކަލްގައި އޮޅިގެން ކަމަށެވެ.

އެ އެކްސިޑެންޓް ހިނގުމާއެކު އެ ވަގުތު މަގުމަތީގައި ތިބި އާންމުންގެ އެހީތެރިކަމާއެކު ފުރޮޅުގައި އޮޅި ތާށިވެފައިވާ ހެދުމުގެ ބައި ކަފާލައިގެން އަންހެން މީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެވަގުތު އޭނާގެ ހަށިގަނޑު ފެންނާތީ ޓީ ޝާޓް އެއް ލެއްވުމަށްފަހު ފުލުހުންގެ އެހީތެރިކަމާއެކު އަންހެން މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އަންހެން މީހާގެ އަތަށާއި ފަޔަށް އަނިޔާވެފައިވާ ކަމަށާއި އެހެން ނަމަވެސް ސައިކަލް ދުއްވަން އިންމީހާއަށް ގެންލުން ނުވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަންހެން މީހާ ހުރީ ބުރުގާ އަޅައި "ވަން ޕީސް" ހެދުމަށް ލައިގެން ކަމަށެވެ.

އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ދިގު ހެދުން ތުރުކުރައްވައިގެން ސައިކަލުގައި ދަތުރުކުރައްވާ ބޭކަނބަލުން ސައިކަލްގެ ފުރޮޅާއި ދިމާލަށް ހެދުން ނުދާނެހެން ސަމާލު ވަޑަިއގެން އިންނެވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވައިފައެވެ.