16 Dec 2019, 08:53
ލޯކަލް ކައުންސިލް ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލީ، އިންތިހާބުތަކަށް ސަރުކާރުތަކުން ދައްކާ ދަޅަ ހުއްޓުވުގެ ނިޔަތުގައި ކަަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ކްރޮސްރޯޑްސްގައި ފެށި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ޅ. ހިންނަވަރު ކައުންސިލަރަކު ވަނީ، ކުރިވެސް ކައުންސިލްތަކަށް ބަޖެޓް އޮތް ނަމަވެސް އެ ބަޖެޓު ތަންފީޒްނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ކަންބޮޑުވުން ފާޅުކުރެއްވީ، އަދި ދެންވެސް އެ ބަޖެޓު ތަންފީޒްކުރެވިދާނެތޯއާ މެދު އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރީ ސަރުކާރު ތަކުން އިންތިހާބުތަކުން ރައްޔިޔުންނަށް ދަޅަ ދެއްކުމުގެ އުސޫލްތައް ވަރަށް ބޮޑަށް ބޭނުންކޮށްފައިވާ ކަމަށެވެ.
އެގޮތުން ޅ. ހިންނަވަރު މިސާލަކަށް ނަންގަވައި އެމަނިކުފާނު ވިދާޅުވީ ހިންނަވަރަށް އެމަނިކުފާނު 1984 ވަނަ އަހަރު ވަޑިއިގެންނެވިއިރު ކަނޑައެޅިގެން އެރަށުގެ ކަނޑުގައި ކަޑަ ޖަހައިފައި އޮތް ކަަމަށެވެ.
"ދެން އެ އިންތިހާބަށް ވޯޓު ދިނުމުގެ ގޮތުން ބާޑި ޖެހިއޭ އެމީހުން ބުނީ ރީތިކޮށް ކަނޑުގައި ކަޑަޖަހާފައި އެ ކަޑަތަކުގެ މައްޗަށް އެ އިންތިހާބުގައި ވޯޓު ދިނީ. ދެން ކުރީ އިންތިހާބުގެ ކަޑަތައް އޭރު ހުރީ ބޮޑެތި ނިކަގަހަށްވެފަ. އަޅުގަނޑުމެން އެކަންތައްތަކުން އަރައިގަތުމަށްޓަކައި ތިބޭފުޅުން އަތަށް މި ފައިސާ ދެވޭތޯ މިބަލަނީ. އަޅުގަނޑުމެން އެކަންތައްތަކުން އަރައިގަތުމަށްޓަކައި ތިބޭފުޅުންނަށް މި ފައިސާ މިދެނީ" ރައީސް ނަޝީދު ވިދާޅުވި އެވެ.
ބަޖެޓުގައި ޖަހާ އަދަދަށް އެ ބަޖެޓު ތަންފީޒްކުރެވިދާނެތޯ ކައުންސިލަރު ކުރިން ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ބަޖެޓުގައި އެހާވަރަށް ޖެހިޔަސް ކޮންމެ ގައުމެއްގައިވެސް އެގައުމުގެ އިގްތިސާދުގައި ހިފެހެއްޓޭނެ މިންވަރެއް ކަނޑައަޅާފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަޖެޓު ރަނގަޅަށް ޑިސްޕާސް ނުވުމުގެ ސަބަބުތަކުގެ ތެރޭގައި އިދާރީ ކަންުކަމުގައި އެއްވެސް ކަހަލަ ފެންވަރެއް ނެތުމާއި ލޮޖިސްޓިކްސް ފަދަ ކަންކަމުގައި މައްސަލަތައް ހިމެނޭ ކަމަށެވެ. އަދި އެހުރި މައްސަލަތަކާއެކު ގިނަފަހަރަށް ފާއިތުވި 15 އަދި 20 އަހަރު ތެރޭގައި ޑިސްޕާސް ވެފައި ހުރީ ބަޖެޓުގެ 60 ޕަސެންޓްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު އަސްލަމް "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
ބަޖެޓު ތަންފީޒްނުކުރާ މައްސަލައިގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މީގެ ކުރިން ބޮޑެތި ބަޖެޓް ޖަހައިގެން ތަންފީޒްނުކޮށް ބައިވަރު ޕްރޮޖެކްޓްތައް ހުރި ކަމަށެވެ.
" އަޅުގަނޑު އަތުގައި މިއަހަރު 300 ޕްރޮޖެކްޓް.މީހަކަށްވާނީ ކޮންމެ މީހަކަށްވެސް ވަކިވަރެއްތާ ދޮއްތޯ. ކޮންމެމީހަކަށްވެސް އެހެންވީމާ މިކުރަން އުޅޭކަމަކ އޭގެތެރެއިން ތިބޭފުޅުންނާ ކުރެވޭވަރު ކަންތައް ތިބޭފުޅުންނާ ހަވާލުކޮށްލަނީ. ދެން އުއްމީދުމިކުރަނީ މަސައްކަތް ބަހާލީމަ ގިނަ މީހުންވެގެން މިކަން ކުރަން އުޅުނީމަ މިހާރު ކުރަން އުޅޭވަރަށް ވުރެ ރަނގަޅަށް ވާނެޔޭ." އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ކުރީ އަހަރުތަކަށްވުރެ ބޮޑަށް މިއަހަރު ބަޖެޓު ތަންފީޒްކުރެވޭނެ ކަމަށެވެ.