ގއ. ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ލޭބާ ކުއާޓާޒް އިމާރާތުގެ މައްޗަށް ބަނބުކެޔޮ ގަސްތަކެއް ވެއްޓި އެކިވަރުގެ ގެއްލުންތައް ލިބިއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި އެވެ.

ކޫއްޑޫ ހިއުމަން ރިސޯސަސް މެނޭޖަރު އަހުމަދު ރައޫފް ވިދާޅުވީ ބަނބުކެޔޮ ގަސްތައް ވެއްޓެން ދިމާވީ ރޭ ފަތިހުން ފެށިގެން އެ ރަށަށް ކުރަމުންދާ ގަދަ ވިއްސާރައިގައި މިއަދު ވައި ގަދަވުމުގެ ސަބަބުން ކަމަށާއި މިއަދު ފަސް ގަސް ވެއްޓިފައިވާ ކަމަށެވެ.

ބަނބުކެޔޮ ގަސްތައް ވެއްޓުނީ މިއަދު 11:00 ޖަހާއެހާކަންހާއިރު އެވެ.

ރައޫފު ވިދާޅުވީ ބަނބުކެޔޮ ގަސްތައް ވެއްޓުނީ މުއައްޒަފުން ދިރިއުޅޭ އިމާރާތުގެ މައްޗަށް ނަމަވެސް އެހެން ތަނަކަށް މުވައްޒަފުން ބަދަލު ކުރަން ޖެހޭ ވަރަށް ގެއްލުން ނުވާ ކަމަށެވެ. އެކަމަކު އެ ޢިމާރާތުގެ ފާހާނާތައް ހަދާފައިވާ ބަޔަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާރުވެސް މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ސަރަހައްދުން އިތުރު ގަސްތަށް ވެއްޓިދާނެކަމަށް ބެލެވޭތީ އެސަރަހައްދަށް ސަޓާފުން ނުވަނުމަށް އަންގާފައިވާނީ،" ރައޫފު ވިދާޅުވި އެވެ. "މިއަދު ލޭބާ ކުއާރޓާޒްގެ މައްޗަށް ގަސްތައް ވެއްޓުނު އިރު މުވައްޒަފުން ތިބީ މަސައްކަތަށް ނިކުމެ. އެ ގަޑީގައި އެތަނުގައި އެއްވެސް މީހަކުނޫޅޭ އެހެންވެ އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބޭ،"

ކޫއްޑުގެ ލޭބަރ ކުއާޓާޒް ހުރި ސަރަހައްދަކީ ބިޔަކޮށް ހެދިފައިވާ ވަރަށް ގިނަ އަދެއްގެ ބަނބުކެޔޮ ގަސްތަށް ހުރި ސަރަހައްދެކެވެ. މޫސޫން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްރުން ރެއާއި މިއަދު ރުކާއި ގަސް ވެއްޓެމުންދާ ކަމަށް ވެއެވެ.