19:00


ގިނައިރު ބޯޅަ ހިފަހައްޓައި، ރަނގަޅު ކުޅުމެއް ދެއްކުނު ނަމަވެސް ޕެރަގުއޭއާ ވާދަކޮށް ދޭއް ސުމަކުން ސްލޮވޭކިޔާ މިއަދު ބަލިވެއްޖެ އެވެ.


ވޯލްޑްކަޕްގެ މިއަދުގެ ފުރަތަމަ މެޗުގައި ސްލޮވޭކިޔާގެ ފުރަތަމަ ގޯލް ޖަހައިފައި ވަނީ 27 ވަނަ މިނެޓްގައި ވޭރާ އެވެ. ދެ ވަނަ ލަނޑު ޖަހާފައި ވަނީ 86 ވަނަ މިނެޓްގައި ކްރިސްޓިއަން ރިވެރޯސް. މި މެޗުގައި ސްލޮވޭކިޔާގެ ތިން ކުޅުންތެރިއަކަށާއި ޕެރަގުއޭގެ ކުޅުންތެރިއަކަށް ވަނީ ރީދޫ ކާޑު ދައްކައިފަ އެވެ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުރަތަމަ ލަނޑު ކާމިޔާކޮށްދިން ވޭރާ އެވެ.


މެޗުގެ ކުރިން ސްލޮވޭކިޔާގެ ޑިފެންޑަރ މާކް ޕެޗް ބުނެފައި ވަނީ މުބާރާތުގެ ފުރަތަމަ މެޗަށް ޓީމު ނިކުތްއިރު ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި ނަމަވެސް މިއަދުގެ މެޗަށް ޓީމު އޮތީ ތައްޔާރަށް ކަމަށެވެ. އަދި މިއަދުގެ މެޗު ނިމިގެންދާނީ ސްލޮވޭކިޔާއަށް ކާމިޔާބު ލިބިގެން ކަމަށެވެ.


މިއަދުގެ ދެވަނަ މެޗަށް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ނިކުންނާނީ ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ޕޮއިންޓެއް ހޯދައިފައިވާ ނިއުޒިލެންޑާ ދެކޮޅަށެވެ. އިޓަލީ އާއި ޕެރަގުއޭ ބައްދަލުކުރި މެޗް އެއްވަރުވުމުގެ ސަބަބުން މީޑިޔާގެ ތަފާތު ފާޑުކިޔުންތައް ވަނީ ޓީމުގެ ކޯޗަށާއި ކުޅުންތެރިންނަށް އަމާޒުވެފަ އެވެ.


އިޓަލީ އާއި ނިއުޒިލެންޑް އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އެކުވެރިކަމުގެ މިމެޗު ހަތަރެއް ތިނަކުން ކާމިޔާބުކޮށްފައި ވަނީ އިޓަލީ އެވެ. މިރޭގެ މެޗަކީ މި ދެ ޓީމު ބައިނަލްއަޤްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ މެޗެވެ.


މިރޭގެ މެޗަށް އިޓަލީ ޓީމުގެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އަދި ޓީމުގެ އެއް ނަންބަރު ގޯލްކީޕަރ ބުފޮން އަށް އަނިޔާވެފައިވުމުން އޭނާގެ ބަދަލުގައި މިރޭ ނެރޭނީ މާޗެޓީ އެވެ.


ނިއުޒިލެންޑް މިރޭ ވެސް ނިކުންނާނީ ސްލޮވޭކިޔާއާ ދެކޮޅަށް ނިކުތް ފުރަތަމަ އެގާރަ އެވެ.


މިއަދުގެ މެޗްތަކުގެ ތެރެއިން އެންމެ ފޯރިގަދަ ވާނެ މެޗަކީ އެފްރިކާގެ އުއްމީދު އެންމެ ބޮޑަށް ގުޅިފައިވާ އައިވަރީ ކޯސްޓާ ދުނިޔޭގެ އެއްވަނައިގައި މިވަގުތު އޮތް ބްރެޒިލް ބައްދަލުކުރާ މެޗެވެ.


ބްރެޒިލުން މިރޭ ނެރޭނީ ނޯތުކޮރެޔާ އާއި ބައްދަލުކުރި ޓީމުގެ ވެސް ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިނެވެ. މިރޭގެ މެޗަށް ބްރެޒިލްގެ އަދި އިންޓަމިލާންގެ އެއް ނަންބަރ ކީޕަރު ޖޫލިއާ ސީޒާ ނިކުންނާނީ އޭނާ ގޯލް ބެލެހެއްޓި މުބާރާތްތަކުގެ ތެރެއިން މެޗަކުން ބަލިނުވެ 50 ވަނަ ރެކޯޑް ގާއިމްކުރުމަށެވެ.


ބްރެޒިލް އަންނަނީ އެފްރިކާގެ ޓީމުތަކާ ވާދަކޮށް ރަނގަޅު ނަތީޖާއެއް ނެރެމުންނެވެ.


މިރޭގެ މެޗަށް އައިވަރީ ކޯސްޓް ނިކުންނައިރު ޓީމުގެ ކޯޗަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޑްރޮގްބާ އަނިޔާ އިން ސަލާމަތްވެ މިރޭގެ ފުރަތަމަ އެގާރައިގައި ހިމެނޭކަމެވެ. ސްވެއިން ގޯރާން އެރިކްސަންގެ އިރުޝާދާ އެކު މިފަހަރުގެ ވޯލްޑްކަޕަށް ނިކުތް އައިވަރީ ކޯސްޓްގެ ކެޕްޓަން ޑިޑިއޭ ޑްރޮގްބާ ބުނެފައި ވަނީ ބްރެޒިލް ޓީމު ކިތަންމެ ވަރުގަދަ ނަމަވެސް ޖެހިލުންނުވާ ކަމަށާއި އަދި ހާސްވާން ޖެހޭވަރުގެ ވަކި ކުޅުންތެރިއެއް ބްރެޒިލް ޓީމުގައި ނެތް ކަމަށެވެ. އަދި އައިވަރީ ކޯސްޓަށް މިރޭގެ މެޗުން މޮޅުވުން ނޫން ގޮތެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.


މި މުބާރާތުގައި އެންމެ ފަހުން އައިވަރީ ކޯސްޓް ކުޅުނު މެޗުގައި، ޑްރޮގްބާ އަތުގައި ޕްލާސްޓަރ އަޅައިގެން ހުއްޓާ ކުޅެން ނެރުމުގެ ސަބަބުން މީޑިޔާއިން ވަނީ ފީފާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެހެން ނަމަވެސް މިރޭގެ ފުރަތަމަ އެގާރައިގައި ޑްރޮގްބާ ނެރޭނެ ކަމަށް ބެލެވެ އެވެ.