އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކޯޓުން ބޭރުން "ކައިވެނި"ކޮށްގެން އެ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވޭ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު އިތުރު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ހައްމާދުގެ މައްސަލަ ފެންމަތިވީ، ލަނޑާ ނަގާ ދޯންޏެއްގައި އޭނާއަށް ވަޅިން ހަމަލާދިން މައްސަަލައަށް ފަހު އޭނާ ކުޑަޖުއްޖަކާ ކޯޓުން ބޭރުން ކައިވެނިކޮށްގެން އުޅޭކަން "ސަން"އިން ރިޕޯޓު ކުރުމުންނެވެ. އެކަމަކު، ފުލުހުންނާއި ޖެންޑާ މިނިސްޓްރީއިން ބުނެފައި ވަނީ އޭނާ އެ ކުއްޖާއާ ކޯޓުން ބޭރުން ކައިވެނި ކުރިކަން އެނގިފައި ނުވާ ކަމަށެވެ.

ހައްމާދުގެ މައްސަލަ ބަލަނީ ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ މައްސަލައެއްގެ ގޮތުގަ އެވެ.

އެ މައްސަލައާ ގުޅިގެން ނޮވެމްބަރު 30 ވަނަ ދުވަހު ހައްމާދު ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓަން އަމުރު ކުރީ ޑިސެމްބަރު އެއް ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާގެ ބަންދަށް ޖެހީ 15 ދުވަހެވެ.

ބަންދުގެ މުއްދަތު ހަމަވާތީ ބަންދު އިތުރު ކުރަން ފުލުހުން މިއަދު އޭނާ ކްރިމިނަލް ކޯޓަށް ގެންދިޔައެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފަ އެވެ.

ހައްމާދު ކޯޓުން ބޭރުގައި ކައިވެނި ކުރި 13 އަހަރުގެ ކުއްޖާ ވަނީ ބަނޑުބޮޑުވެ ވިހައިވެސްފައެވެ. އެ ދެ ކުދިންވެސް މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ކުދިންނަަށް އިހުމާލުވުމުގެ ތުުހުމަތުގައި 13 އަހަރުގެ ކުއްޖާގެ މައިންބަފައިން ވަނީ އެހައްޔަރުކޮށްފަ އެވެ.