15 Dec 2019, 20:40
ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ސަރުކާރުން އެކުލަވާލައި ހިންގާ އެއްޗެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވެފައި މިވަނީ ރާއްޖެއިން ޗައިނާއަށް އަދާ ކުރަން ޖެހިފައިވާ ދަރަންޏާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ. ނަޝީދުގެ ވާހަކަފުޅުތަކާ ގުޅިގެން ޗައިނާގެ ސަފީރު ޖަންގް ޒިޖޮންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއަދު "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ހާރިޖީ ސިޔާސަތަކީ އެއް ގައުމުން އަނެއް ގައުމާ އޮންނަ ގުޅުން ކުރިއަށް ގެންދިއުމާއި ބައިނަލްއަގްވާމީ މަޝްރަހުގައި އެގައުމެއްގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ކުރިއެރުވުމަށް ގެންގުޅޭ ވަސީލަތެއް ކަމަށެވެ.
ދުނިޔޭގެ ދައުލަތްތައް ހިންގަނީ ފެޑެރަލް ނުވަތަ ޔުނިޓަރީކޮށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެ ދެ ބާވަތުގެ ދައުލަތްތަކުގައިވެސް ހާރިޖީ ސިޔާސަތުތަކަކީ މައި ސަރުކާރުން އެކުލަވާލާ ސިޔާސަތެއް ކަމަށެވެ. އަދި ރާއްޖޭގައިވެސް އެކަން އޮންނަނީ އެހެންކަން ޝާހިދު ފާހަގަ ކުރެއްވި އެވެ.
"ރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގަންޖެހޭނެ ގޮތް ރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސަރީހަ އިބާރާތުން އެބަ ބަޔާންކުރޭ. 115 ވަނަ މާއްދާގެ (މ) ގައި ވަނީ ހާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގުމުގައި އަދި އެ ސިޔާސަތު ހިނގާ ނުހިނގާގޮތް ބެލުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްސޫލިއްޔަތެއް ކަމަށް،" ޝާހިދު ވިދާޅުވިއެވެ.
މައި ސަރުކާރުން ފިޔަވައި އެހެން ފަރާތްތަކުން އެހެން ގައުމުތަކާ މަޝްވަރާ ކުރުމަކީ ބައެއް ގައުމުތަކުގައި ގާނޫނުން މަަނާ ކުރެވިފައިވާ ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މައި ސަރުކާރުން ހުއްދަދޭ ފަރާތަކުން މެނުވީ، ބޭރުގެ ދައުލަތްތަކާއެކު މަޝްވަރާކުރުމަކީ ބައެއް ގައުމުތަކުގައި މަނާކުރެވިފައިވާކަމެއް. މިސާލަކަށް އެމެރިކާގެ މައި ސަރުކާރުގެ ހުއްދައެއް ލިބިގެން މެނުވީ، ބޭރުގެ ދައުލަތަކާ މަޝްވަރާކުރުމަކީ، ޖަލު ހުކުމެއް އަންނަ ކުށެއް،" ޝާހިދު ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި އިންޑިއާއަށް ވަޑައިގެން ނަޝީދު ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނެސްދިނުމުގެ ނަމުގައި ބޮޑެތި ލޯނުތަކެއް ދީގެން ޗައިނާއިން ރާއްޖެ ބޮޑު ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާ ކަމަށެވެ. އަދި ޗައިނާ އިން ލޯނުތައް ރީސްޓްރަކްޗާ ކުރަން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 1700ގެ އަހަރުތަކުގައި އިންޑިއާގައި އަތްގަދަކުރި އީސްޓް އިންޑިއާ ކޮމްޕެނީއަށް ވުރެ ގިނައިން ޗައިނާ އިން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ބިންތައް ފޭރިގަނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޗައިނާއާ އެކު ރާއްޖެއިން ސޮއި ކުރީ ފްރީ ޓްރޭޑް އެގްރީމަންޓް ވުޖޫދުގައި ނެތް ކަމަށާއި، އެ އެއްބަސްވުން ކުރިއަށް ނުގެންދަވާނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތައްވެސް ރީސްޓްރަކްޗާ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.