16 Dec 2019, 09:30
ވޮޝިންޓަން (ޑިސެމްބަރު 15) : އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ތެރެއިން ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބައި މީހުން އަވަސް ގޮތަކަށް އެގައުމުން ބޭލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.
ނަން ހާމަކުރަން ނޭދޭ އެމެރިކާގެ ބައެއް އިސް މަސްއޫލުވެރިންނާ ހަވާލާދީ "އޭބީސީ ނިއުޒް" ނެޓްވާކުން ބުނީ އަފްޣާނިސްތާނުގައި މިހާރު ތިބީ އެމެރިކާގެ 13،000 އާއި 14،000 ދެމެދުގެ އަދަދެއްގެ ސިފައިން ކަމަށާއި އޭގެ ތެރެއިން 4،000 ސިފައިން އަންނަ ހަފްތާގައި އަނބުރައި އެމެރިކާއަށް ގެނައުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ އަށް އަމުރު ކުރައްވާފައިވާ ކަމުގަ އެވެ.
މި 4،000 ސިފައިން އަފްޣާނިސްތާނުން ބޭލުމުން އެގައުމުގައި ދެންތިބޭނީ އެމެރިކާގެ އަށް ހާހާއި ނުވަ ހާހާ ދެމެދުގެ އަދަދެއްގެ ސިފައިންނެވެ.
އެމެރިކާގެ 4،000 ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ޓްރަމްޕް ނިންމަވާފައި މިވަނީ އެމެރިކާއިން ތާލިބާނުންނާ ދައްކަމުން ގެންދިޔަ ސުލްޙައިގެ ވާހަކަތައް މިދިޔަ ހަފްތާގައި ގަތަރުގެ ދައުހާގައި އަލުން ފަށާފައި ވަނިކޮށެވެ. މީގެ ފަސް މަސްކުރިން މިވާހަކަތައް ހުއްޓާލަން ޓްރަމްޕް ނިންމެވީ އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށް ޓަކައި އެމެރިކާ ސިފައިންގެ އެންމެން އަފްޣާން ބިމުން ބޭލުމަށް ތާލިބާނުން ޝަރުތު ކުރުމުންކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓްރަމްޕް ވަނީ މި ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ކުއްލި ދަތުރުފުޅެއްގައި އަފްޣާނިސްތާނަށް ވަޑައިގެން އެގައުމުގެ ރައީސް އަޝަރަފް ޣަނީ އާ އަދި އަފްޣާނިސްތާނުގައި ތިއްބަވާ އެމެރިކާގެ އިސް ކޮމާންޑަރުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ދަތުރުފުޅުގައި ޓްރަމްޕް ވަނީ އެމެރިކާ އިން ތާލިބާނުންނާ އެކު ސުލްޙައިގެ ވާހަކަތައް އަލުން ފަށާނެކަން ވެސް އިއްލާން ކުރައްވައިފަ އެވެ.
އޭގެ ހަފްތާއެއް ފަހުން އެމެރިކާ ސަރުކާރުން ވަނީ ތާލިބާނުންނާ ޥާހަކަ ދެއްކުމަށް ޓަކައި އެމެރިކާގެ ވަފްދެއް ގަތަރަށް ފޮނުވައިފަ އެވެ. އެ ވަފްދުގެ ވެރިއަކަށް ހުންނެވީ އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ އެމެރިކާގެ މަންދޫބު ޒަލްމޭ ޚަލީލް ޒާދު އެވެ. ޚަލީލް ޒާދަކީ އަފްޣާން ޕޮޝްތޫ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތެކެވެ.
މީގެ ކުރިން ތާލިބާނުންނާ އެކު އެމެރިކާ ކުރިޔަށް ގެންދިޔަ ސުލްހައިގެ ވާހަކަތަކުގައި ވެސް އެމެރިކާގެ ފަރާތުން އިސްކޮށް ހުންނެވީ ޚަލީލް ޒާދު އެވެ. (ނޫސްއެޖެންސީތައް)