16 Dec 2019, 08:29
ރަށްރަށުގައި ކުރިއަށްގެންދާ ހުރިހާ މަޝްރޫއުތަކެއްގެ ހިންގުމުގެ ބާރުތައް ކައުންސިލްތަކަށް ދީފައިވާ ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް، ގާނޫނަށް ގެނައި އާ ބަދަލުތަކަށް ކައުންސިލަރުން އަހުލުވެރި ކުރުމަށް "ވިއަވަތި ރާއްޖެ"ގެ ނަމުގައި ކުރޮސްރޯޑްގައި ބޭއްވި މަހާސިންތާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުން އަދާކުރާ ދައުރާއި ލިބިދީފައިވާ ބާރުތައް އިތުރުކޮށްފައިވާ ކަމަށެވެ.
އެންމެ މުހިންމު ބަދަލަކީ ފަސް މިލިއަން ރުފިޔާއަށް ވުރެ ކުދި މަޝްރޫއުތައް ހިންގުމުގެ ހުރިހާ ބާރެއް ކައުންސިލްތަކަށް ލިބުން ކަމަށެވެ.
"އާންމުކޮށް ފަސް މިލިއަނަށް ވުރެ އަގުހެޔޮ ހުރިހާ މަސައްކަތެއް ކައުންސިލްތައް މެދުވެރިކޮށް ސަރުކާރުން ކުރާނީ. މީގެ ތެރޭގައި ހިމެނެނީ ތިޔަބޭފުންގެ (ކައުންސިލްތަކުގެ) ބަޖެޓުގައި ހުންނަ މަސައްކަތްތައް އެކަންޏެއް ނޫން. ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރޭގައި ވެސް ހުންނާނެ ފަސް މިލިއަނަށް ވުރެ ދަށުން ބަޖެޓުކޮށްފައި ހުންނަ މަސައްކަތްތައް... ސަރުކާރުގެ ވިސްނުމުގައި މިހިރީ ކައުންސިލްތައް މެދުވެރިކޮށް އެކަންކަން ކުރުން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

"ވިއަވަތި ރާއްޖެ" މަހާސިންތާގެ ތެރެއިން--- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
އާ ބަދަލާއެކު މަޝްރޫއުގެ ކޮންޓްރެކްޓަރުންނާއި އަދި ކޮންސަލްޓެންޓުންގެ އިތުރުން ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރު ވެސް މުއާމަލާތް ކުރަން ޖެހޭނީ ކައުންސިލްތަކާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް ކޮންސަލްޓެންޓުންނާއި ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރުންނަކީ ކޮންމެ ރަށަކުން ލިބޭނެ ބައެއް ނޫން ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަމަށް އަތޮޅު ކައުންސިލްތަކުގެ ގާބިލުކަން އިތުރު ކުރަން ރާވާފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އަތޮޅު ކައުންސިލްތަކުގައި ބީއޯކިއު ހަދާ ފަރާތްތަކާއި އިންޖިނިއަރުންގެ އިތުރުން ސާވޭޔަރުން ވެސް ތިބޭނެ ކަމަށާއި، ރަށްރަށުގައި ހިންގާ މަޝްރޫއުތައް ސުޕަވައިޒް ކުރުމާއި މަސައްކަތާއި ބިލުތައް ކަށަވަރު ކޮށްދޭނީ އެ ފަރާތްތަކުން ކަމަށެވެ.
މިކަމުގެ ސަބަބުން އަންނާނެ އެންމެ ބޮޑު ބަދަލަކީ މީގެ ކުރިން ރަށްރަށުގައި އެއްގޮތަކަށް ވެސް ނުހުންނަ ވަޒީފާގެ ފުރުސަތުތައް އުފެދިގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މީގެ ކުރިން ކޮންޓިޓީ ސާވޭޔިންގް ހަދައިގެން އައިސް މާލޭގައި ހުންނަން ޖެހެނީ. މާލޭން ވަޒީފާ ލިބެނީ. އެއީ މާލޭގައި ހުރިހާ މަސައްކަތެއް ހުރީ. މާލޭން ޕްރޮޖެކްޓް މެނޭޖު ކުރަނީ. ސިވިލް އިންޖިނިއަރިންގް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ކިޔަވައިގެން އައިސް މާލޭގައި ހުންނަން ޖެހެނީ. އެކަހަލަ ކަންތައްތައް (މި ދެންނެވި ޒާތުގެ ޑިސިޕްލިންތަކުން ކިޔަވައިގެން އައިސް) އަތޮޅުތަކުގައި ހަރުލާ ހުރުމުގެ ފުރުސަތު މީގެ ތެރެއިން ލާފައި އަންނަނީ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
މީގެ އިތުރުން މަޝްރޫއުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ބަހާލުމުން މަސައްކަތުގެ ސްޕީޑު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށާއި، މި ބަދަލު ގެނައުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ވެސް އެއީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ބަދަލާއެކު ޕީއެސްއައިޕީ މަޝްރޫއުތަކުގައި ކައުންސިލްތަކުން އަދާކުރާ ދައުރު ބޮޑުވި ނަމަވެސް، ހިފަހައްޓަން ޖެހޭ ތަރުތީބުތަކެއް ހުންނާނެ ކަމަށާއި ހުރިހާ ކައުންސިލަރުން ވެސް އެ ތަރުތީބުތަކަށް ފަރިތަވެ، އަހުލުވެރިވުމުގެ މުހިންމު ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުވާލެއްވެވި އެވެ.