16 Dec 2019, 08:40
"ކައުންސިލްތަކުގައި މަސައްކަތް ކުރަން ޖެހޭ ވަރަށް ބަލާއިރު، ތަރައްގީވަމުން އަންނަ ރާއްޖެ ތެރޭ ރަށްރަށުގައި އަންހެނުންނަށް އެ މަސައްކަތް ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މިއީ ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކުރަންޖެހޭ ގޮތަށް، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައިވާތީ އެކަމަށް ނުރުހުން ފާޅުކުރައްވަމުން، ކ. ހުރާ ކައުންސިލަރަކު އިއްޔެ ވިދާޅުވި ވާހަކަތަކެކެވެ. "ވިޔަވަތި ރާއްޖެ"ގެ ނަމުގައި އިއްޔެ ފެށި ކައުންސިލަރުންގެ މަހާސިންތާގައި ދެއްކި އެ ވާހަކަތަކަށް ހޫނު އަތްތިލަ ބަޑިއެއް ވެސް ލިބުނެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލު ހުށަހެޅުމާއެކު ވެސް އެންމެ ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުން ދިޔައީ ހަމައެކަނި އަންހެނުންނަށް ކުރިމަތިލެވޭ ސީޓުތަކެއް ކަނޑައެޅުމުންނެވެ.
އެ ބިލް މަޖިލީހުގެ ތަޅުމުން ފާސްވެ، އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބިލް ތަސްދީގުކުރެއްވުމާއެކު، މިހާރު ވަނީ ގާނޫނަކަށް ވެފަ އެވެ. މިހާރު ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިދީފައި ވާއިރު، އަންނަ އަހަރުން ފެށިގެން ލިބޭ ބޮޑު ބަޖެޓާ އެކު ކައުންސިލަރުން ތިބީ ހެވިފަ އެވެ.
ނަމަވެސް އަންހެނުންނަށް ގޮނޑި ހާއްސަވާ ވާހަކަ ފަށަނީ ވެސް ފުސް މޫނަކާ އެކު އެވެ. ގާނޫނުގައިވާ ހާއްސަ އުސޫލާމެދު ގިނަ ކައުންސިލަރުން މާ ހިތްހަމައެއް ނުޖެހެ އެވެ. އިއްޔެ ކްރޮސްރޯޑްސްގައި ކުރިއަށް ދިޔަ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ތިބި ގިނަ ކައުންސިލަރުންގެ ރޫހުވެސް އޮތީ އެގޮތަށެވެ.
ލާމަރުކަޒީ ގާނޫނާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި ހުރާ ކައުންސިލަރުންހެން ވަނީ އަންހެނުންނަށް ކައުންސިލުގެ ގޮނޑި ހާއްސަކުރާ މާއްދާއާ ދެކޮޅަށް ވަރަށް ގިނަ ވާހަކަ ދައްކަވައިފަ އެވެ.
އެ މާއްދާއާ ދެކޮޅު ހަދާ ސަބަބެއް ކަމުގައި ހުރާ ކައުންސިލަރު ވިދާޅުވީ، އެ މާއްދާގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހަމަހަމަކަމުގެ ހައްގު ގެއްލޭ ކަމަށެވެ.
"ކައުންސިލަށް ފަސް އަންހެނުން އައުމުގެ ފުރުސަތު އެބަ އޮތް. އެހެންވީމަ ގާނޫނުގެ ހަމަހަމަކަން ވެސް އެބަ ގެއްލޭ. ފަސް ފިރިހެނުންނަށް ކައުންސިލަށް އާދެވޭނެ އެއްވެސް ގޮތެއް ނެތް މި ގާނޫނުގައި މި އޮތް ގޮތުން. މީ ހަމަ އަޅުގަނޑު ކަންބޮޑުވާ ކަމެއް. ވަކި ގޮތަކަށް ބައްޓަން ވެގެންދާއިރު ހަމަހަމަކަން ގެއްލޭ،" އޭނާ ވިދާޅުވި އެވެ.
އަންހެނުންނަކީ ކޮންމެ ކޮންމެ ކަމެއް ނުކުރެވޭނެ ބައެއް ކަމަށް ވިދާޅުވެ، އަންހެނުންނަކީ ވަރަށް ބަލިކަށި ބައެއްގެ ގޮތުގައި އޭނާ އޭނާ ސިފަކުރެއްވި އެވެ.
"އެހެން މި ދަންނަވާލީ އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ކައުންސިލަރުން ޖަންކްޝަން ސާފުކުރަން އެބަ ޖެހޭ. މިއީ އަޅުގަނޑުމެން އަމިއްލައަށް ތަރައްގީ ވާން މަސައްކަތް ކުރާތީ. މި މަސައްކަތުގައި އަޅުގަނޑު ގަބޫލެއް ނުކުރަން އަންހެން ކަނބަލުންނަށް ބައިވެރިވެވޭނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.
މިއީ އެ ކައުންސިލަރުގެ އެކަނި ވިސްނުމެއް ނޫނެވެ. އޭނާ ވަނީ އެވާހަތައް ހިއްސާކުރެއްވީ ވަރަށް ގިނަ އަދަދެއްގެ ކައުންސިލަރުންގެ އެދުމުގެ މަތިން ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ވާހަކައަށްފަހު މަހާސިންތާއަށް ހާޒިރުވެ ތިބި ގިނަ އަދަދެއްގެ ކައުންސިލަރުން ވަނީ އަތް ޖަހާ އެ ވާހަކަތަކަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.
ކައުންސިލަރުގެ ވާހަތަކާ އަދި އެ ވާހަކަތަށް ލިބުނު ތަރުހީބާ ގުޅިގެން މަހާސިންތާއަށް ހާޒިރުވެވަޑައިގެން ތިއްބެވި މަދު އަންހެން ކައުންސިލަރުންގެ މޫނުމަތިން ފެނިގެން ދިޔައީ މާޔޫސްކަމާއި ހިތްހަމަނުޖެހުމެވެ.
ޕެނަލްގެ ޗެއާގެ ގޮތުގައި އިންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. ރައީސް ވިދާޅުވީ އަންހެން ކައުންސިލަރުންނަށް ކުރެވޭނެ އެތައް ބައިވަރު ކަންތައްތަކެއް ހުރި ކަމަށެވެ.
ކެބިނެޓުގައި ވެސް 33 ޕަސެންޓަކީ އަންހެން ބޭފުޅުން ކަމަށާއި އަންނަ ޖެނުއަރީ މަހުން ފެށިގެން، ބޭރު ގައުމުތަކަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ ގޮތުގައި މިންތީގެ ހަމަހަމަކަން މުޅިން ގާއިމުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭގެން އެ ދައްކުވައިދެނީ އަންހެން ބޭފުޅުންނަށް ވެސް އެކަން ކުރެވޭނެކަން،" ރައީސް ވިދާޅުވި އެވެ.
ކައުސިލަރުގެ ވާހަކަތަކާ އެންމެ ބޮޑަށް ކޯފާވެލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދު ވިދާޅުވީ މަހާސިންތާގައި ބައިވެރިވި 200 ކައުންސިލަރުންގެ ތެރޭގައި ތިއްބެވީ ހައެއްކަ އަންހެން ކައުންސިލަރުން ކަމަށް ވާއިރު، އެފަދަ ތަނެއްގައި އެ ވާހަކަ ދެއްކުމަކީ ވެސް ބޮޑު ބޭއިންސާފެއް ކަމަށެވެ.
އަދި ކޮންމެ ކައުންސިލެއްގައި މަދުވެގެން ދެ އަންހެން ކައުންސިލަރުން ތިބުމަކުން، ފިރިހެން ކައުންސިލަރުންނަށް ގެއްލޭނެ އެއްޗެއް އަދި ލިބޭނެ ގެއްލުމެއް ވެސް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އަންހެނުންނަކީ ކޮންމެ ކަހަލަ މަސައްކަތެއް ވެސް ކުރެވޭ ވަރުގެ ބައެއް ކަމަށާއި، އެމަނިކުފާނުގެ މުޅި ހަޔާތް ހިންގައިދެނީ އަންހެނުން ކަމަށް ވާއިރު، ކައުންސިލަރު އެ ވިދާޅުވާ ފަދަ "ދެރަވަރު" އަންހެނަކާ އަދި ދުވަހަކު ވެސް ދިމާނުވާ ކަމަށެވެ.
"ބަރު އުފުލިޔަސް އަންހެނުން އުފުލާނެ ފިރިހެނުންނާ އެއްވަރަށް. ބަރު އުފުލިޔަސް. ވަޅު ކޮނުނަސް އަދި ކޮންމެ ގަނޑެއް ގަތަސް. އަޅުގަނޑަށް އެއްވެސް ހާލެއްގައި ޝައްކެއް ނުއުފެދޭ، އަޅުގަނޑެއް ނުދަންނަން އަޅުގަނޑަށް ވުރެ ދެރަ ހަމަ އެންމެ އަންހެނެއް ވެސް، އަދި އަޅުގަނޑު ކުރާ ކަންތައް ނުކުރެވޭނޭ އަންހެނެއް ވެސް އަޅުގަނޑެއް ނުދަންނަން. އަޅުގަނޑު ވެސް ކޮންމެސް ވަރަކަށް އަންހެނުން ދަންނަން، ތިޔަ ވިދާޅުވާ ކަހަލަ ދެރަވަރު އަންހެނަކާ ދިމައެއް ނުވޭ އަދި އަޅުގަނޑަކަށް. އަޅުގަނޑުގެ މުޅި ހަޔާތް ގައިމުވެސް ހިންގައިދެނީ އަންހެނުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަކީ ދުނިޔޭގެ ގިނަ އަދަދެއްގެ ގައުމުތަކުން ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި މިވީހާ ތަނަށް އެފަދަ ގައުމެއް ދުވަހަކު ވެސް ނާކާމިޔާބު ވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރަށަކުން އަންހެނުން ނުކުމެ، ހުރިހާ ގޮނޑިއަކަށް ކުރިމަތިލާން ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.
"އަޅުގަނޑު ރާއްޖޭގެ ހުރިހާ އަންހެނުންނަށް ވަރަށް ބޮޑަށް އެދެން ފިރިހެނުންގެ ހުރިހާ ގޮނޑިއަކަށް ވެސް ކުރިމަތިލައްވާށޭ، އަންހެނުންގެ ހުރިހާ ގޮނޑިއަކަށް ވެސް ކުރިމަތިލައްވާށޭ،" ނަޝީދު ވިދާޅުވި އެވެ.
ދެ ރައީސުންގެ އިތުރުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު މުސްތަފާ ލުތުފީ ވެސް ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށް ސާބަސް ދެއްވައިފަ އެވެ.
މުސްތަފާ ވިދާޅުވީ އަންހެނުން ބާރުވެރިވުމަކީ އާއިލާއަށް ފުދުންތެރިކަމާއި ކުރިއެރުން އަންނަ ކަމެއް ކަމަށެވެ. އަދި ރަށްރަށާއި ގައުމަށް ވެސް މި ގާނޫނުގެ ސަބަބުން ކުރިއެރުން އަންނާނެ ކަމަށެވެ.
އަންނަ އެޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލު އަދި ސިޓީ ކައުންސިލް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 384 ޖާގަ އަކީ އަންހެނުންނަށް ހާއްސަ ޖާގަތަކެވެ.
މީގެއިތުރުން ކޮންމެ ރަށެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއެއް ވެސް އޮންނަން ޖެހެ އެވެ. އަންހެނުންގެ ކޮމިޓީތަކަށް އިންތިހާބުކުރާ 929 އަންހެނުންނާ އެކު، ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ޖުމްލަ 1313 އަންހެނުން، އިންތިހާބީ މަގާމުތަކުގައި ރަށްރަށުގައި ތިބޭނެ އެވެ.
މިއީ، އިންތިހާބުކުރާ އަދަދު، ފިރިހެނުންނަށް ވުރެ އިތުރު ޢަދަދަކަށް ވެގެން ދާނެ އެވެ. މިއީ އަނެއްކާ ވެސް އަންހެނުން ބާރުވެރި ކުރުވުމުގެ ދާއިރާއިން ރާއްޖެ ކުރިއަށް އަޅާ އާ ފިޔަވަޅެކެވެ.