ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދީ، އަދި އެ އަތޮޅުގައި ރިސޯޓް ހަދަން ރަށްތަކެއް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.

ރައީސް ސޯލިހުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސިލަރުން ބައިވެރިވެގެން، "ވިޔަވަތި ރާއްޖޭ"ގެ ނަމުގައި މިއަދު ކްރޮސް ރޯޑްގައި ފެށި މަހާސިންތާގެ ތެރެއިން އެމަނިކުފާނު ޗެއާކުރެއްވި ޕެނަލް ޑިސްކަޝަންގައި ހދ އަތޮޅު ކައުންސިލްގެ ފަރާތުން ކުރިމަތިކުރި ސުވާލުތަކާ ގުޅިގެން، ރައީސް ސޯލިހު ވިދާޅުވީ ހދ. އަތޮޅަށް ވަރަށް ބޮޑު ބަދަލެއް އެބަ އަންނަ ކަމަށެވެ.

އޭގެ އެންމެ ބޮޑު ބަދަލަކީ، އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދިޔުން ކަމަށެވެ.

"ހދ އަތޮޅަށް އެބަ އާދޭ ބަދަލުތަކެއް. ހދ އަތޮޅުގައި ސިޓީއެއް އެބަ އުފެދޭ. ކުޅުދުއްފުށި. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދާއިރު ދެންވާނެ ގޮތް ގާނޫނުގައި އެބަ އޮތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ހދ ކައުންސިލުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރީ ކުޅުދުއްފުށްޓަކީ މިހާރު ވެސް އެ އަތޮޅުގެ ވެރިކަން ކުރާ ރަށަށްވާއިރު، އެ ރަށް ސިޓީއަކަށް ބަދަލުވުމުން ދެން އަތޮޅުގެ ވެރިކަން ކުރާ ރަށަކަށް ވާނެ ގޮތަކާ މެދު އެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ކުޅުދުއްފުށި ސިޓީއަކަށް ހެދުމުންވެސް މުޅި ހދ. އަތޮޅު ހިންގުމުގެ އިސް ފަރާތަކަށް ވާނީ ކުޅުދުއްފުށި ސިޓީ ކައުންސިލެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި އެންމެ މަދުވެގެން 10،000 ރައްޔިތުން ހިމެނޭ ރަށްތަކަށެވެ. މިއަހަރުގެ ފެބުރުއަރީ މަހު ކުޅުދުއްފުށީ ކައުންސިލުން ބުނެފައި ވަނީ، ކުޅުދުއްފުށި ސިޓީއަކަށް ހަދަން އާބާދީ ހަމަވެފައި ވާތީ، ސިޓީއަކަށް ބަދަލު ކުރަން ކުރަން ޖެހޭކަންކަން ކުރަމުން އަންނަ ކަމަށެވެ.

ކުޅުދުއްފުށި ސިޓީއަކަށް ހެދުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މިއަދުގެ މަހާސިންތާގައި ވަނީ، ހދ. ގައި ޓޫރިޒަމް ނެތް ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ހދ އަތޮޅުގެ ތިން ރަށެއް ޓޫރިޒަމަށް ތަރައްގީ ކުރުމަށް ބީލަމަށްލާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީއިން ނިންމާފައި ވަނީ، މި ސަރުކާރުގައި ރިސޯޓް ހަދަން އަލަށް ބީލަމަށްލާ ރަށްތައް އަންނަ އަންގާރަ ދުވަހު ދަރުބާރު ގޭގައި ބާއްވާ ހާއްސަ ހަފްލާއެއްގައި އިއުލާން ކުރުމަށެވެ.