ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައް ރިވިއުކުރަން ހުށަހެޅޭނެ ގޮތް އެ އޮފީހުން ހަދައިފިއެވެ.

މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތައް މުރާޖައާކޮށް މުތާލިއާ ކުރުމަށް އެ އޮފީހުގައި ވަނީ ކޮމިޓީއެއް އެކުލަވާލާފަ އެވެ.

އެ ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނެނީ އެ އޮފީހުން މީހެއްގެ މައްޗަށް ދައުވާއެއް އުފުލުމަށް ނުވަތަ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް ކަމާގުޅޭގޮތުން އަމަލުކުރެވޭ ގާނޫނުތަކާ ގަވާއިދުތަކުގެ އިމުގެ ތެރޭގައި މުރާޖައާކޮށް، އެ ނިންމުން ބަދަލުކޮށް، ކޮށްފައިވާ ދައުވާއެއް ބަދަލުކުރަންޖެހޭކަމަށް ފެންނަ ނަމަ އެގޮތަށް ނިންމުން ހިމެނެ އެވެ. އަދި ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ މިނޫންވެސް ގޮތެއްގެ މަތިން މީހެއްގެ މިނިވަންކަން ހިފެހެއްޓިފައިވާތީ، އެކަން މުރާޖައާކުރަން ޖެހޭނަމަ، އެކަން ކުރުމާއި، ޝަރީއަތަށް މައްސަލަ ހުށަހެޅުމަށްފަހު ވެސް ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ނިންމުމެއް މުރާޖައާކޮށް މުތާލިއާކުރުން ވެސް މެންޑޭޓްގެ ތެރޭގައި ހިމެނެ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޓީގެ މެންޑޭޓުގެ ތެރެއަށް ދައުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައް ރިވިއުކުރުން" މިހާރު އިތުރު ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ކޮމިޓީގެ މެންޑޭޓުގައި ހިމަނާފައިވާ ކަމަކާ ގުޅޭގޮތުން ދައުވާ އުފުލާފައިވާ މީހަކު ނުވަތަ ބަންދުގައިވާ މީހަކު އެކަމުގެ ޝަކުވާ ހުށަހަޅަން ބޭނުން ނަމަ، ރަށްރަށުގައި ގާއިމުކޮށްފައިވާ ޕީޖީ އޮފީހުގެ ގޮފިތަކުންނާއި، އޮފީހުގެ ވެބްސައިޓުން އަދި ފުލުސް އޮފީހާއި، ޕޮލިސް ސްޓޭޝަންތަކާއި ކަރެކްޝަންސް އާއި ޖަލުތަކުން އެކަމަށް އެދޭ ފޯމު ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ކޮމިޓީގެ މެންޑޭޓުގައި ހިމަނާފައިވާ ކަމަކާ ގުޅޭގޮތުން ދައުވާ އުފުލާފައިވާ ނުވަތަ ބަންދުގައިވާ ދިވެހީންގެ އިތުރުން ބިދޭސީންނަށް ވެސް ފޯމު މެދުވެރިކޮށް މުރާޖައާކުރަން ހުށަހެޅޭނެ ކަމަށެވެ.

ޕީޖީ ހުސައިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ވާނުވާ" ބަންދުގައި ތިބި 256 ފަރާތުގެ މައްސަލަތައް ޕީޖީ އޮފީހުން މުރާޖައާކުރާނެ ކަމަށެވެ.

އެހެން ނަމަވެސް ބޮޑެތި ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުން މިނިވަންކުރަން ޕީޖީން ނޭދޭނެ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަތައް އަވަސްކޮށްދިނުމަށް ކޯޓުތަކުގައި އެދޭނެ ކަމަށެވެ.