15 Dec 2019, 16:56
މިއަދު ތަސްދީގުކުރީ ލާމަރުކޒީ ގާނޫނުގެ އިސްލާހާއެކު ކައުންސިލްތަކަށް ފައިސާ އާއި ބާރުތައް ލިބިގެން ހިނގައްޖެ ކަމަށާއި، ދެން ރަށްރަށުގެ ތަރައްގީއަށް ކަންކަން ނުކުރެވިގެން ރައީސް އާ ހަމައަށް ޝަކުވާ އައިސްގެން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް، ގާނޫނަށް ގެނައި އާ ބަދަލުތަކަށް ކައުންސިލަރުން އަހުލުވެރިކުރުމަށް ކުރޮސްރޯޑްގައި ބާއްވާ މަހާސިންތާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ކައުންސިލްތަކާ، ކައުންސިލަރުންނާ ބައްދަލު ކުރައްވާފައިވާ ކަމަށާއި، ހުރިހާ ކައުންސިލްތަކުން ވެސް ކުރަމުން ދަނީ އެއް ޝަކުވާތަކެއް ކަމަށެވެ.
"ހިދުމަތް ދިނުމުގައި ހުރި ދަތިތަކުގެ ވާހަކަ. ބަޖެޓުގެ ދަތިކަމުގެ ވާހަކަ. މިހެން ގޮސް އެތައް އެތައް ޝަކުވާއެއް އަޅުގަނޑު އަޑުއަހަމުން ދިޔައީ،" ރައީސް ވިދާޅުވިއެވެ.
މިއަދު ތަސްދީގުކުރި އިސްލާހާއެކު، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ވަނީ ލިބިދީފައެވެ. ހަމައެއާއެކު އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި، ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދިނުމަށް ވަނީ ހިމަނައިފައެވެ. އަދި ވަކިވަކި ރަށްރަށުންނާއި، އަތޮޅުތަކުން އަދި ސިޓީތަކުން ލިބޭ އާމްދަނީގެ ބައެއް ވެސް ކައުންސިލްތަކަށް ލިބިގެންދާނެއެވެ.
މިކަންކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ކައުންސިލްތަކަށް މިހާރު ފައިސާ އާއި ބާރު ދީފައިވާތީ މީގެ ފަހުން ކަންކަން ނުވެގެން ކައުންސިލަރުން ޝަކުވާކުރުމުގެ ބަދަލުގައި ދެން އެ ސުވާލުތަކާއި ޝަކުވާތައް ކުރައްވާނީ އެމަނިކުފާނު ކަމަށެވެ.
"މީގެކުރިން ތިޔަބޭފުޅުން އަޅުގަނޑާ ބައްދަލުވާ ކޮންމެ ފަހަރަކު، އަޅުގަނޑާ ކުރައްވާ ސުވާލުތަކެއް ހުރޭ. ރަށުގެ ތަރައްގީއަށް ކުރަންހުރި ކަންތައްތައް ނުކުރެވިގެން، އެކަމުގެ ޝަކުވާތައް ތިޔަބޭފުޅުން ކުރައްވާ. އެހެން ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުން، އެ ސުވާލުތައް، ދެން އަޅުގަނޑު ކުރާނީ ތިޔަބޭފުޅުންނާ. ކީއްވެގެންތޯ، ރަށުގެ މިވެނި ކަމެއް، އެވެނި ކަމެއް ނުކުރެވި އޮތީ؟ އަޅުގަނޑުމެން ފައިސާ އެބަ ދޫކޮށްލަން. އިހްތިޔާރާއި ބާރު އެބަ ދޫކޮށްލަން. އެހެންވީމާ، އަޅުގަނޑާ ބައްދަލުވާ ކޮންމެފަހަރަކު، ތިޔައިން ކޮންމެ ބޭފުޅެއްގެ އަރިހު އަޅުގަނޑު ސުވާލުކުރާނަން، ކީއްވެގެންތޯ، މިވެނި ކަމެއް ނުކުރެވި އޮތީ،" ރައީސް ވިދާޅުވިއެވެ.
ގާނޫނަށް އަމަލުކުރަން ފެށުމާއެކު ރައްޔިތުންގެ ފައިސާގެ ވަރަށް ބޮޑު ބަޔަކާއި ރައްޔިތުންގެ ތަރައްގީއަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ކައުންސިލްތަކާ ހަވާލުކުރެވިގެންދާކަން ރައީސް މިއަދު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ރައްޔިތުންގެ މައްޗަށް ބަސް ބުނެ، ގޮތް ނިންމުމުގެ ބާރު ވެސް ކައުންސިލްތަކަށް މިހާރު ލިބިދީފައިވާ ކަމަށާއި އެހެންކަމުން ލާމަރުކަޒީ ގާނޫނުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ހޯދައިދިނުމުގެ ޒިންމާ އެންމެ ބޮޑަށް އުފުލަން ޖެހޭނީ ކައުންސިލަރުން ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
"މި ގާނޫނު ތަންފީޒު ކުރުމުގައި ތިބޭފުޅުންގެ ދައުރަކަށް ވާންވާނީ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް، ބާކީ ނުކޮށް، އިންސާފުވެރިކަމާ އެކު ކަންތައްތައް ނިންމަވަމުން ގެންދެވުން. ރައްޔިތުންގެ ފައިސާ ހެޔޮގޮތުގައި ބޭނުންކުރަމުން ގެންދިއުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރެވުނު ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށާއި މިކަމުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ހޯދައިދިނުމުގެ ޒިންމާ އެންމެ ބޮޑަށް އުފުލަން ތިބީ ކައުންސިލަރުން ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އެންމެ މުހިންމު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުމާއި ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމެވެ.