15 Dec 2019, 16:25
ވެރިކަމުގެ ލައްޒަތާއި ޖާހަތު މަތިކުރުމަށްޓަކައި ބާރުތައް މުށުތެރެއަށް ލުމަކީ ކުރައްވާނެ ކަމެއް ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ލަމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް، ގާނޫނަށް ގެނައި އާ ބަދަލުތަކަށް ކައުންސިލަރުން އަހުލުވެރިކުރުމަށް ކުރޮސްރޯޑްގައި ބާއްވާ މަހާސިންތާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބާރުތައް މުށުތެރެއަށް ލުމަކީ ވެރިކަން ކުރަން ވަރަށް ފަސޭހަ ގޮތަކަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށެވެ. އެހެންވެ، އެމަނިކުފާނު އެގޮތަށް ވެރިކަން ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދުވެސް ތިބެފުޅުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ ވެރިކަމުގެ ލައްޒަތާ ޖާހަތު މަތިކުރުމަށްޓަކައި ބާރުތައް މުށުތެރެއަށް ލުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫނޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރު ހިންގަވަނީވެސް އެ އުސޫލުގެ ދަށުން ކަމަށެވެ. އެގޮތުން މިނިސްޓްރީތައް ހިންގާނެ ގޮތާއި، މިނިސްޓްރީގެ ބާރުތައް މިނިސްޓަރުންނަށް ދޫކޮށްލައި މަސައްކަތް ކުރުމުގެ އިހްތިޔާރު މިނިސްޓަރުންނަށް ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިއަދު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ދަސްދީގުކޮށްދެއްވައިފައެވެ. ބިލް ތަސްދީގުކޮށްދެއްވުމަށްފަހު ރައީސް ވިދާޅުވީ އެއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރެވުނު ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.
ރައީސް ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ކައުންސިލްތަކާ، ކައުންސިލަރުންނާ ބައްދަލު ކުރައްވާފައިވާ ކަމަށާއި، ހުރިހާ ކައުންސިލްތަކުން ވެސް ކުރަމުން ދަނީ އެއް ޝަކުވާތަކެއް ކަމަށެވެ.
"ހިދުމަތް ދިނުމުގައި ހުރި ދަތިތަކުގެ ވާހަކަ. ބަޖެޓުގެ ދަތިކަމުގެ ވާހަކަ. މިހެން ގޮސް އެތައް އެތައް ޝަކުވާއެއް އަޅުގަނޑު އަޑުއަހަމުން ދިޔައީ،" ރައީސް ވިދާޅުވިއެވެ.
އަދި އެ ހުރިހާ އަޑެއް އެހުމަށްފަހު، މިއަދު އެކަންކަމަށް ހައްލެއް ގެނެސްދެވިފައިވާ ކަމަށާއި މިއަދު މިވަނީ އެ އަޑުތައް އެހުމަށްފަހުގައި އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ރަށްތައް ލާމަރުކަޒީ ނިޒާމުން ހިންގުމަށް ސަރުކާރުން ވީ ވައުދު، ރަސްމީ މާނައެއްގައި ފެށިގެން ގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބުނެވިދާނެ މީގެކުރިން ރާއްޖެ އޮތީ ލާމަރުކަޒީ ކުރެވިފައޭ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ އޭރު އޮތީ ކައުންސިލްތަކުގެ އަތް ފައި ބަނދެފައޭ،" ރައީސް ވިދާޅުވިއެވެ.
މިއަދު ތަސްދީގުކުރި އިސްލާހާއެކު، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ވަނީ ލިބިދީފައެވެ. ހަމައެއާއެކު އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި، ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް ވަނީ ހިމަނައިފައެވެ. އަދި ވަކިވަކި ރަށްރަށުންނާއި، އަތޮޅުތަކުން އަދި ސިޓީތަކުން ލިބޭ އާމްދަނީގެ ބައެއް ވެސް ކައުންސިލްތަކަށް ލިބިގެންދާނެއެވެ.
މިކަންކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ރައްޔިތުންގެ ފައިސާގެ ވަރަށް ބޮޑު ބަޔަކާއި ރައްޔިތުންގެ ތަރައްގީއަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ކައުންސިލްތަކާ ހަވާލުކުރެވިގެންދާ ކަމަށެވެ.
ހަމައެއާއެކު ރައްޔިތުންގެ މައްޗަށް ބަސް ބުނެ، ގޮތް ނިންމުމުގެ ބާރު ވެސް ކައުންސިލްތަކަށް ލިބިގެންދާކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ގާނޫނުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ހޯދައިދިނުމުގެ ޒިންމާ އެންމެ ބޮޑަށް އުފުލަން ޖެހޭނީ ކައުންސިލަރުން ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
"މި ގާނޫނު ތަންފީޒު ކުރުމުގައި ތިބޭފުޅުންގެ ދައުރަކަށް ވާންވާނީ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް، ބާކީ ނުކޮށް، އިންސާފުވެރިކަމާ އެކު ކަންތައްތައް ނިންމަވަމުން ގެންދެވުން. ރައްޔިތުންގެ ފައިސާ ހެޔޮގޮތުގައި ބޭނުންކުރަމުން ގެންދިއުން،" ރައީސް ވިދާޅުވިއެވެ.