15 Dec 2019, 16:02
ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދޫކޮށް ކޮންމެ ކައުންސިލެއްގައި ވެސް މަދުވެގެން ދެ އަންހެނުން ބޭތިއްބުމަށް ލާޒިމްކުރި ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމަށްފަހު އެ ގަލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ހަދީޔާ ކުރައްވައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައި ބިލް ރައީސް ސޯލިހު ތަސްދީގު ކުރެއްވީ "ވިޔަވަތި ރާއްޖެ" ގެ ނަމުގައި ކައުންސިލަރުންނަށް ކާއްސަކޮށްގެން ކްރޮސް ރޯޯޑްސް މޯލްޑިވްސްގައި މިއަދު ކުރިއަށްގެންދާ މަހާސިންތަގެ ތެރެއިންނެވެ.
އެ ބިލް ތަސްދީގު ކުރެއްވުމަށްފަހު އޮތީ ހަފްލާގެ ބައިވެރިންނާ މުހާތަބުކޮށް ރައީސް ވާހަކަފުޅު ދެއްކެވުމެވެ. ނަމަވެސް ޕޯޑިއަމްއަށް އަރައިވަޑައިގަތުމުގެ ކުރިން ސްޓޭޖުން ފައިބައި ވަޑައިގަތް ރައީސް ވަޑައިގަތީ ނަޝީދުގެ އަރިހަށެވެ. އަދި ސަލާމް ކުރެއްވުމަށްފަހު ރައީސް ވަނީ ލިއެލާ ޖެހި މޮންޓް ބްލެންކް ގަލަން ރައީސް ނަޝީދަށް ހަދިޔާ ކުރައްވާފަ އެވެ. އެއާ އެކު ހިނިތުންވުމާއި އެކު އެ ގަލަން ނަޝީދު ވަނީ ތުރުކުރައްވައިގެން ހުންނެވި ހުދު ގަމީހުގެ ޖީބަށް ލުމަށް ނަންގަވާފަ އެވެ. ނަމަވެސް ގަމީހުގައި ޖީބެއް ނެތުމުން ނަޝީދު އެ ގަލަން ޖެއްސެވީ ދެ ގޮށް ދޭތެރެ އަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށްފަހު ގަލަން ކޮޅު ރައީސް ސޯލިހު، ރައީސް ނަޝީދަށް ހަދިޔާ ކުރުމަށްފަހު ހިނިތުންވުމާއި އެކު --- ސަން ފޮޓޯ: މުޒައްޔިން ނާޒިމް
ބިލް ތަސްދީގު ކުރެއްވުމަށްފަހު ޖަލްސާގެ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ރައީސް ނަޝީދަށާއި މަޖިލީހުގެ މެންބަރުންނަށް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ. އެއީ ކައުންސިލްތަކަށް ބާރުދޭ ގާނޫނު ވުޖޫދަށް ގެނައުމަށްޓަކައި ކޮށްދެއްވި ބުރަ އަދި އިހްލާސްތެރި މަސައްކަތުގެ ސަބަބުން ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ރައީސް ނަޝީދު ވިދާޅުވި ފަދައިން ކައުންސިލްތަކަށް ބާރު ދިނުމަކީ އެމްޑީޕީގެ ފިކުރެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެކަމަށް އެއްވެސް ޝައްކެއް ނެތް ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
"މިކަމަށްޓަކައި އެމްޑީޕީން ކޮށްދެއްވި ހުރިހާ މަސައްކަތަކަށް ދެއްވި ހުރިހާ އެއްބާރުލުމަކަށް އަޅުގަނޑު އެމްޑީޕީގެ ލީޑާރޝިޕަށާއި ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.