27 Nov 2011, 14:18
ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދިނުމަށް ހުރި ހުރަސްތަކަކީ ކޮބައިތޯ ބަލައި އެކަންކަން ހައްލު ކުރުމަށް ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށް އެމްޑީޕީން އަތޮޅުތަކަށް ދަތުރުކުރަން ނިންމައިފި އެވެ.
އެމްޑީޕީން ބުނެފައިވަނީ އެ ޕާޓީން ރަށްރަށަށް ކުރާ ދަތުރުތައް އަންނަ މަހު ފަށާނެ ކަމަށާއި ދަތުރުތަކުގައި ރައްޔިތުންގެ ހާލަތު ބެލުމަށް ރަށް ރަށުގެ ގޭގެއަށް ޒިޔާރަތްކޮށް އެ ފަރާތް ތަކަށް ނުލިބޭ ހިދުމަތްތައް އޮޅުން ފިލުވައި ވަގުތުން ރަނގަޅު ކުރެވެންހުރި ކަންކަން ރަނގުޅުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެމްޑީޕީން ކުރާ ދަތުރުތަކުގައި ދައުލަތާއި ސަރުކާރުގެ އެކި ދާއިރާތަކަށް ކަނޑައަޅަފައިވާ ވެރިންނާމެދު ރައްޔިތުން ދެކޭގޮތާއި، ރައްޔިތުން އެބޭފުޅުން ބަލައިގެންފައިވާ މިންވަރު ދެނެގަންނާނެ އެވެ.
މިދަތުރުތައް ހަމަޖެއްސުމުގައި އެ ޕާޓީން ހަރަކާތްތެރިވާނީ ދަތުރުފަތުރު ކޮމެޓީއާއި، މީޑިޔާ ކޮމެޓީއާއި، ފަންޑްރައިޒިން ކޮމެޓީއާއި، ކެމްޕޭން ކޮމެޓީއާއި، އިންތިޒާމް ކޮމެޓީ އެކުވެގެން އެކުލަވާލާފައިވާ ކުޑަ ކޮމެޓީއަކުންނެވެ.
"... ރަށްރަށުގެ ތަޢުލީމީ ޙާލަތާއި، ޞިއްޙީ ޙާލަތާ އިގްތިޞާދީ ޙާލަތު ބަލައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދުމަތްތައް ފޯރުކޮށް ދިނުމަކީ އެމްޑީޕީގެ އަމާޒަކަށް ވީހިނދު ރަށްރަށުގެ އެމްޑީޕީގެ ގޮފިތަކުގެ އިސް ފަރާތްތަކާއެކު މަސައްކަތްކޮށް ރާއްޖޭގެ އެންމެހާ ރައްޔިތުން ގޮވައިގެން އަނެއް ދިވެހި ރާއްޖެއަށް ދަތުކުރުމަކީ ވެސް އެމްޑީޕީގެ ތަޞައްވުރެއް،" ދަތުރުތަކާ ބެހޭ ގޮތުން އެމްޑީޕީގެ ވެބްސައިޓްގައި ވެއެވެ.