މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލާ "ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖު"ގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖާ ގުޅޭ ގޮތުން މިއަދު ދަރުބާރުގޭގައި ބޭއްވި މަހާސިންތާއަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އަދި ސަރުކާރުން، އަމަލީ މަސައްކަތް ފަށައިގަންނާނީ، ބްރިޖް އެޅުމަށް ރާވަން ޖެހޭ އެންމެހާ ކަންކަން ރާވާ ނިންމުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދު ކުރަމުން މިދަނީ އަންނަ އަހަރުގެ ތެރޭގައި ބުރިޖުގެ މަސައްކަތް(ސައިޓުގެ މަސައްކަތް) އަމަލީ ގޮތުން ފެށޭނެ ކަމަށް. މިހާތަނަށް ބޭނުންވާ ޑިޒައިން މަސައްކަތާ އަދި ޓެންޑާ ކުރުމަށް ބޭނުންވާ ކަންތައްތަކަށް ތައްޔާރުވަމުން މި ދަނީ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ/ ޕްލޭނިންގް މިނިސްޓްރީ

ޑިޒައިން އަދި ޓެންޑަރިން މަރުހަލާގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދަން ޖެހޭ ކަމަށާއި މިހާރު އެ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިއަދު ބޭއްވި މަހާސިންތާގައި ބުރިޖުގެ މަސައްކަތް ކުރަން ހުށަހަޅާފައިވާ ގޮތާއި މިހާރު މަޝްވަރާ ކުރަމުންދާ ކަންތައްތަކުގެ ޕްރެޒެންޓޭޝަންތަކެއް ވަނީ ދައްކާލާފަ އެވެ.

މިހާރު ވަކި ގޮތެއް ނުނިންމި، މަޝްވަރާ ކުރަމުންދާ ކަންކަމުގެ ތެރޭގައި ބުރިޖުގެ ލޭންތަކުގެ ފުޅާމިނާއި ވިލިނގިއްޔާ ހަމައިން ޓްރެފިކް ހުއްޓޭނީ ކިހިނެއްތޯ އާއި ވިލިނގިލީގައި ސައިކަލު ޕާކު ކުރާނެ ސަރަހައްދެއް އެޅުމާއި ގުޅިފަޅު ސްޓްރެޗްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ހިމެނެ އެވެ.

ވިލިމާލެއިން ގުޅިފަޅު ފެންނަ މަންޒަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ފައިނަލް ކުރެވުނު އެއް ކަމަކީ ކޮލަމް ޖަހައިގެން އަޅާ ބުރިޖަކަށޭ މި ބުރިޖު ވާނީ. ކޭބަލް ބުރިޖެއް ގޮތަކަށް ނޫން މި ބުރިޖު އަންނާނީ. ބުރިޖު، މާލޭން ފެށިގެން ގޮސް ވިލިނގިއްޔަށް ކަނެކްޓު ވާނެ އެލައިންމަންޓް އަދި ވިލިނގިލިން ގުޅިފަޅަށް، ގުޅިފަޅުން ތިލަފުށްޓަށް (ގުޅުވާލާ) އެލައިންމަންޓް ގާތްގަނޑަކަށް ނިންމިފައި އޮތީ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވިލިނގިލީގައި އިންޖީނު ލީ އުޅަނދު ނުދުއްވޭ ތަނެއްގެ ގޮތުގައި މިހާރު އޮންނަ އޮތުމަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބުރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށަން މަސައްކަތް ކުރަމުންދާއިރު، އަމަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރަށެވެ.

މާލެ-ތިލަފުށި ބުރިޖުގެ މަޝްރޫއުގެ އިތުރުން މިހާރު ކުރިއަށްދާ ގުޅިފަޅުގައި ބައިނަލްއަގުވާމީ ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރިލްގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އަންނަ އަހަރަށް ފާސްކުރި ބަޖެޓްގައިވާ ގޮތުގައި މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ އެ ބުރިޖަށް އަބޫދާބީ ފަންޑުން ލޯނުގެ ގޮތުގައި 305.40 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ އެވެ. އަދި 2021 ވަނަ އަހަރު އެ ލޯނުގެ އަދަދު 610.80 މިލިއަން ރުފިޔާއަށް އަދި 2022 ވަނަ އަހަރު އެ އަދަދު 1.15 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.

މި މަޝްރޫއަށް ޖުމްލަކޮށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.