ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ރާއްޖޭގެ ހުރިހާ ރަށްތަށް ތަމްސީލުވާ ގޮތަށް 200 އަށް ވުރެ ގިނަ ކައުންސިލަރުންނާ އެކު ކޮރޮސްރޯޑުގައި މިއަދު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، "ވިޔަވަތީ"ގެ ނަަމުގައި ހިންގާ ދެދުވަހުގެ އެ މަހާސިންތާ އަކީ، މިފަހުން ލާމަރުކަޒީ ގާނޫނާށް ގެނައި ބޮޑެތި ބަދަލުތަކާއި އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓަށް ކައުންސިލްތައް އަހުލުވެރިކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

"ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ފާސްކުރި އިސްލާހުތަކާއި 2020 ބަޖެޓުގައި ހުރި ކަންތައްތައް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެންދާނެ. ބައްދަލުވުން ބާއްވާ ދެ ދުވަހުވެސް ރައީސް ސޯލިހް ބައިވެރިވެވަޑައިގްނަނަވާނެ،" އޭނާ ވިދާޅުވި އެވެެ.

މިއަދު މެންދުރު 1:30 ގައި ފަށާ، އެ މަހާސިންތާގެ ތެރެއިން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ރައީސް ސޯލިހް ތަސްދީގު ކުރަން ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މި ޕްރޮގްރާމްގައި [މަހާސިންތާގައި] މަޖިލިސް ރައީސް އާއި ކެބިނެޓް ވަޒީރުންނާއި ކަމާ ގުޅުންހުރި ތަޖުރިބާކާރުންވެސް ބައިވެރިވެވަޑައިގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.

މަހާސިންތާގެ އެޖެންޑާގެ މުހިންމު ކަންކަން:

  • ލާމަރުކަޒީ ބިލް ތަސްދީގު ކުރުން

  • ރައީސް ސޯލިހާއި މަޖިލިސް ރައީސް، ނަޝީދު ތަގުރީރު ކުރެއްވުން
  • ރައީސް ސޯލިހާއި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ޕެނަލް ޑިސްކަޝަން
  • ކައުންސިލްތަކަށް ދޭ ބޮޑު ބަޖެޓާ ގުޅޭ ޕްރެޒެންޓޭޝަން
  • ހާރިޖީ ސިޔާސަތުތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު މައުލޫމާތުދެއްވުން
  • ކައުންސިލްތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޝްވަރާ
  • ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ކައުންސިލްތަކުގެ ދައުރާ ގުޅޭ މަޝްވަރާ
  • ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމާ ގުޅޭ މަޝްވަރާ
  • ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމުގެ މަޝްވަރާ
  • ކައުންސިލްތަކުގެ ތަޖުރިބާ ހިއްސާކުރުން

ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވީ، އެ ބައްދަލުވުމަށް ރާއްޖޭގެ ކޮންމެ ކައުންސިލަކުން އެއް ކައުންސިލަރަކު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން 80 ޕަސަންޓް މީހުންނަކީ ކައުންސިލްތަކުގެ ރައީސުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު އޮތީ މާދަމާ ހަވީރު 4:00ގަ އެވެ. އަންނަ އަހަރަށް މާލީ ބާރުވެރިކަން ދީ ކައުންސިލްތަކަށް ބޮޑު ބަޖެޓެއް ދިނުމަށް ވަނީ މި ސަރުކާރުން ނިންމައިފަ އެވެ. އަދި ކައުންސިލަރުންގެ އަދަދު އިތުރުކޮށް އަންހެނުންނަށް ކައުންސިލްގެ 33 ޕަސެންޓް ދޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ވެސް މިފަހުން ވަނީ ބޮޑެތި ބަދަލުތަކެއް މަޖިލީހުން ގެނެސްފަ އެވެ.