15 Dec 2019, 11:30
ކޮލަމްބޯ (ޑިސެމްބަރު 15): ސްރީލަންކާގައި ހުންނަ ސްވިޒަލޭންޑުގެ އެމްބަސީގެ މުވައްޒަފަކު ރަހީނު ކުރި ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ލަންކާ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓު (ސީއައިޑީ)އިން ބުނެފި އެވެ.
ސީއައިޑީން ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތުން އެ ޑިޕާޓްމެންޓުން ކުރިއަށްގެންދިޔަ ތަހުގީގުންނާއި މުވައްޒަފުގެ ބަޔާނުން، މިދިޔަ މަހުގެ 25ގައި ކޮލަމްބޯގެ މަގެއް މަތިން ބަޔަކު އޭނާ ރަހީނު ކުރި ކަމަށް ދޭހަވާ އެއްވެސް ހެއްކެއް އަދި ނުލިބެ އެވެ.
މީގެ އިތުރުން މުވައްޒަފު ރަހީނު ކުރި ސަރަހައްދު ކަމަށް އޭނާ ބުނާ ތަނާއި އެމްބަސީގެ އޮފިޝަލުން ބުނާ ތަން ތަފާތު ކަމަށް އެރިޕޯޓުގައިވެ އެވެ. އަދި ސީއައިޑީން ބެލި ފޯން ރެކޯޑުތަކުންވެސް އެފަދަ ހާދިސާއެއް ހިނގި ކަމަށް ލަފާ ނުކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.
މިމަހުގެ އެކެއްގައި ލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެސް ވަނީ ސްވިސް އެމްބަސީގެ މުވައްޒަފަކު ރަހީނު ކުރި ކަމަށް ބުނާ މައްސަލައިގައި އެ އެމްބަސީން ކިޔާދިން ވާހަކަތަކާ އެދުވަހު ކަންތައް ހިނގާ ދިޔާ ގޮތާ ފުށޫ އަރާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ހާމަ ނުކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ.
ސްވިސް އެމްބަސީން މިދިޔަ މަހުގެ 30ގައި ނެރުނު ބަޔާނެއްގައިވާ ގޮތުން ކޮލަމްބޯގެ މަގުމަތިން ބަޔަކު އެ އެމްބަސީގެ މުވައްޒަފަކު ގަދަކަމުން ކާރަކަށް އަރުވާ ބިރުދެއްކީ، އެމްބަސީއާ ގުޅުން ހުރި މައުލޫމާތު ހޯދުމަށްޓަކަ އެވެ. އަދި ލަންކާގެ ނޫހެއްގައިވާ ގޮތުން އެމީހުން ހޯދަން ބޭނުންވީ ސުވިޒަލޭންޑުގެ ހިމާޔަތަށް އެދިފައިވާ ލަންކާ ފުލުހެއް ކަމަށްވާ ނިޝާންތަ ޑި ސިލްވާގެ މައުލޫމާތެވެ.
ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ)ގެ ޗީފް އިންސްޕެކްޓަރެއް ކަމަށްވާ ޑި ސިލްވާ ވަނީ މިމަހުގެ 18ގައި ވެރިކަމަށް ވަޑައިގެންނެވި ގޯޓާބަޔަ ރާޖަޕަކްސަ އާއި އެ ސަރުކާރުގެ އިސްކޮށް ތިއްބަވާ އެހެން ބައެއް ބޭފުޅުންނާ ގުޅުން ހުރި ޖިނާއީ މައްސަލަތައް ތަހުގީގުކޮށްފަ އެވެ. އަދި އާ ސަރުކާރު އިންތިހާބުވުމާ އެކު އޭނާއަށް އިންޒާރުތައް ލިބިފައިވާ ކަމަށާއި އޭގެ ސަބަބުން މިދިޔަ މަހު އޭނާ ސުވިޒަލޭންޑަށް ފުރާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ސްވިސް އެމްބަސީގެ މުވައްޒަފާ ގުޅުން ހުރި މައްސަލަ ބަލަމުންދާ ކޯޓުން ވަނީ އަންނަ އަންގާރަ ދުވަހާ ޖެހެންދެން އޭނާ ގައުމުން ބޭރަށް ފުރުން މަނާކޮށްފަ އެވެ.