27 Nov 2011, 13:43
އައްޑުއަށް ކުރަމުންދާ ވިއްސާރައިގައި ޖެހުނު ވައިރޯޅިއެއްގައި ސަތާރަ ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީގެ ހިތަދޫ މާމެންދޫ ސަރަހައްދު ޗަސްބިމުގައި އަޅާފައިވާ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު )އީސީސީ(ގެ ފެންޑާގެ ސީލިން ގަނޑު ވެއްޓިއްޖެ އެވެ.
އީސީސީގެ ސަރަހައްދުގައި ހުރި މީހަކު ސަން އަށް މައުލޫމާތު ދެމުން މިއަދު ބުނީ އައްޑު އަށް ކުރަމުންދާ ވިއްސާރައިގައި ޖެހުނު ވައިރޯޅިއެއްގައި ކޮންވެންޝަން ސެންޓަރު ވަށައިގެން ހުންނަ ސީލިންގަނޑުގެ ބައެއް ފިލާތައް ނެއްޓިފައިވާ ކަމަށެވެ. އަދި ސީލިންގަނޑުގެ ފިލާތައް ނެއްޓުމުން އިތުރު ބައެއް ނެއްޓުމާ ކައިރިވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ވަޔާ ފިލާތައް ތިރިއަށް ފައިބާތަން އަޅުގަނޑުމެނަށް ފެނުނު. ބޮޑު ތަންގަނޑެއް ހުރީ ނެއްޓިފައި. އެކި ދިމަދިމާލުން ސީލިންގަނޑުގެ ފިލާތައް ނެއްޓިފައި ހުރީ. އަދި ފަހުން އަޅުގަނޑުމެން ދިޔަ އިރު އެއަށް ވުރެ ބޮޑު ތަންގަނޑެއް ނެއްޓިފައި ހުރީ،" ކޮންވެންޝަން ސެންޓަރު ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.
ސަރުކާރުން 150 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީން ކޮންޓްރަކްޝަނުން އިމާރާކޮށްފައިވާ އީސީސީގެ ސީލިންގަނޑު ވެއްޓުމުން އެތަނުގައި އައްޑޫ ސިޓީ ކައުންސިލާއި އެމްއެންޑީއެފުން ހަރަކާތްރިވަމުން އެބަދެ އެވެ.
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު )ސޯބެ( ވިދާޅުވީ އީސީސީގައި ހުރި ކުދިކުދި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެތަނުގެ ސީލިންގަނޑު ވެއްޓުނު ހަބަރެއް އަދި ލިބިފައި ނުވާ ކަމަށެވެ.
"މިކޮޅަށް ވަރަށް ވިއްސާރަ. އެކަހަލަ ކަމެއް އެކަމަކު ނޫޅޭ. މިހެން ދޭތެރެއަކުން އޭސީއަކުން ފެންދާނެ. އެއާކޯންތައް ރަނގަޅު ކުރުމާއި މިކަހަލަ އިލެކްޓްރިކް މަސައްކަތް ކުރަމުންދާނެ. ހައުސިން މިނިސްޓްރީއާ ހަވާލު ކުރަންދެން އެ މަސައްކަތް އަމީން ކޮންޓްރަކްޝަނުން ކުރަމުންދާނެ،"
މިއަހަރުގެ ޖެނުއަރީ މަހު ރައީސް މުހައްމަދު ނަޝީދު ބިންގާއަޅުއްވާ ދެއްވި އީސީސީ, ސާކް ސަމިޓަށް މި މަހު 11ގައި ހުޅުވާފައިވާ އިރު އެތަން އިމާރާތްކޮށްފައިވާ ގޮތުގެ ފެންވަރު ދަށް ކަމަށް ބައެއް ފަރާތަކުންބުނެ އެވެ. އަދި ޗަސް ބިމެއްގައި ދިހަ މަސް ދުވަހުގެ ތެރޭ ގިނަ ޒަމާތަކަކަށް ދެމިހުންނާނެ އިމާރާތެއް ނޭޅޭނެ ކަމަށް ވެސް ބުނަމުންދެ އެވެ. އަދި އެތަން ގަބައިގެން ހިގައިދާނެ ކަމަށް ބުނާ ވާހަތައް އަމީން ކޮންޓްރަކްޝަނުން ދޮގު ކުރެ އެވެ.