14 Dec 2019, 16:42
ޚުރްތޫމް (ޑިސެމްބަރު 14): ސޫދާންގައި 30 އަހަރުވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ، ދެ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މިދިޔަ އޭޕްރިލް މަހު ވެރިކަމުން ވައްޓާލި ފަހުން ޖަލުގައި ހުންނެވި ބަޝީރުގެ މައްޗަށް ވަނީ ކޮރަޕްޝަނާއި ގާނޫނާ ހިލާފަށް ބޭރު ފައިސާ ގެންގުޅުނު ކަމުގެ ދައުވާކޮށްފަ އެވެ. އެ ދައުވާތައް ކުރީ އޭނާގެ ގެއިން 130 މިލިއަން ޑޮލަރުގެ އަގުހުރި އެކި ގައުމުތަކުގެ ފައިސާ ފެނުނު ފަހުންނެވެ.
އެ މައްސަލައިގެ ޝަރީއަތުގައި ބަޝީރު ވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ފަރާތުން 25 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ލިބުނު ކަމަށްވެސް އިއުތިރާފުވެވަޑައިގެންފަ އެވެ. ނަމަވެސް އޭގެން އެއްވެސް ފައިސާއެއް އަމިއްލަ ބޭނުމަކަށް ހަރަދު ނުކުރައްވާ ކަމަށް ވިދާޅުވެ ބަޝީރު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ 74 އަހަރުގެ ބަޝީރު އުމުރުން ދުވަސްވެފައި ވުމުން، ހުކުމް ތަންފީޒު ކުރައްވާނީ ޖަލުގެ ބަދަލުގައި އިސްލާހީ މަރުކަޒެއްގައި ކަމަށް ވިދާޅުވެފަ އެވެ.
ސޫދާންގެ އަސްކަރިއްޔާއިން ބަޝީރު ވެރިކަމުން ދުރުކުރީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އޭނާއާ ދެކޮޅަށް އެގައުމުގެ އެތައް ހާސް މީހުން މުޒާހަރާ ކުރަމުން ދަނިކޮށެވެ. އޭގެ ފަހުން އެގައުމުގެ އަސްކަރިއްޔާއިން ވެރިކަމާ ހަވާލުވުމުން އެސަރުކާރާ ދެކޮޅަށް ވެސް ގައުމުގެ ރައްޔިތުން މުޒާހަރާ ކުރަން ފެށި އެވެ. އޭގެ ސަބަބުން ސޫދާންގެ އަސްކަރިއްޔާގެ ޖެނެރަލުންނާއި މުޒާހަރާގެ ލީޑަރުން ވަނީ ގުޅިގެން ވެރިކަން ކުރުމަށް ކައުންސިލެއް އުފައްދައިފަ އެވެ.