އެންމެ ފަހުގެ ޔޫރޮޕް ޗެމްޕިއަން، ލިވަޕޫލުގެ ތަޖުރިބާކާރު ކޯޗު ޔާގޮން ކްލޮޕްގެ އެއްބަސްވުން އިތުރު ދެ އަހަރަކަށް އިތުރުކޮށް އެ ކުލަބާ އެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދީފި އެވެ.

ޖަރުމަނުގެ ބުރޮޝިޔާ ޑޮޓްމަންޑުގެ ކޯޗެއްގެ ގޮތުގައި ހުރުމަށް ފަހު ކްލޮޕް 2015 ވަނަ އަހަރު ލިވަޕޫލާއި ހަވާލުވި އިރު އެ ކުލަބު އޮތީ ވަރަށް ބޮޑު އަޑިގަނޑަކަށް ވެއްޓި ސްޕޯޓަރުންގެ އުންމީދުތައް ވެސް ވެއްޔަށް ވެފަ އެވެ. އެކަމަކު ކްލޮޕުގެ އިރުޝާދާ އެކު ލިވަޕޫލް ވަނީ ވޭތުވެ ދިޔަ ހަތަރު ސީޒަނެއްގެ ތެރޭގައި އަލުން އަނބުރާ މުޅި ދުނިޔޭގެ ވެސް ގަދަ ބާރަކަށް ވެފަ އެވެ. އަދި އެހެންމެ ލިވަޕޫލް އަކީ މިވަގުތު އެންމެ ބޮޑެތި މުބާރާތްތަކުގެ ތެރޭގައި ވެސް "ފެވަރިޓުން"ގެ ގޮތުގައި ނަން ކިޔާލެވޭ ކުލަބެކެވެ.

މީގެ ކުރިން 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރި ލިވަޕޫލް ގިނަ އަހަރުތަކަކަށް ފަހު އެ މުބާރާތުގެ ފައިނަލަށް އަލުން އަނބުރާ ދަތުރު ކުރީ 2018 ވަނަ އަހަރު އެވެ. ނަމަވެސް އެ މެޗުގައި ރެއާލް މެޑްރިޑް އަތުން 1-3 އިން ބަލިވީ އެވެ. އެއަށް ފަހު މިދިޔަ ސީޒަނުގައި ލިވަޕޫލުން ވަނީ އެނބުރި އައިސް އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ ފަހަރުގެ މުބާރާތުގައި ދުނިޔެ ހައިރާންކޮށްލުމަށް ފަހު ބާސެލޯނާ ލަދުވެތި ގޮތަކަށް ކަޓުވާލައި، ފައިނަލުގައި ޓޮޓެންހަމާއި ވާދަކޮށް ކުރި ހޯދީ 0-2ގެ ނަތީޖާއަކުންނެވެ.

ކްލޮޕުގެ ތަފާތު ފިލޮސޮފީއާ އެކު ލިވަޕޫލް ކުރަމުން އަންނަ ދަތުރުގެ އެއްބަސްވުން އަނެއްކާ ވެސް އިތުރު ދެ އަހަރު އިއްޔެ ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން ހަދާފައިިވާ އެއްބަސްވުމުގެ ދަށުން 2022 ގެ ނިޔަލަށް ކްލޮޕް ވަނީ މަޑުކުރަން ނިންމާފަ އެވެ. އެކަމަކު އިއްޔެގެ އައު އެއްބަސްވުމާ އެކު ކްލޮޕް ދެން ލިވަޕޫލުގައި 2024 ވަނަ އަހަރުގެ ސީޒަނާއި ހަމައަށް މަޑު ކުރުމަށް ވަނީ ނިންމާފަ އެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި މި ކުލަބަކީ ފޮނި މީރު މުސްތަގުބަލެއް އޮތް ކުލަބެއް. ދުވަހަކަށް ވުރެން ދުވަހެއް މިދަނީ ކުރިއަށް. އަދި އިތުރަށް އެތައް ލަނޑުދަނޑިތަކެއް ހާސިލް ކުރަން ބޭނުން،" އައު އެއްބަސްވުމަށްފަހު ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ 2015 ވަނަ އަހަރު ލިވަޕޫލާއި ހަވާލުވި ހަމައިން ފެށިގެން ދެ ފަރާތުގެ ދެމެދުގައި އުފެދުނީ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުމުގެ ސަބަބުން ގިނަ އަހަރުތަކެއް ވަންދެން ކުލަބާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭރުން ސުރެއް ވެސް ލިބުނު ކަމަށް ކްލޮޕު ބުންޏެޗެ.

ކުރީ ސީޒަނުގައި ވާދަވެރި މެޗުތަކަކަށް ފަހު ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްތާ ސިޓީގެ އަތަށް ދޫކޮށްލަން ޖެހުނީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. ނަމަވެސް ލީގުގެ ތަށްޓަށް އަމާޒު ހިފައިގެން އެ ކުލަބުން މި ސީޒަނާއި ކުރިމަތި ލައިގެން ފެށި އިރު މިވަގުތު ލިވަޕޫލު އޮތީ އެއްވަނައިގައި އަށް ޕޮއިންޓްގެ ބޮޑު ފަރަގެއްގަ އެވެ.