މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް މާދަމާ މެންދުރު 11:30 ގައި އިންޑިއާގެ ދިއްލީއަށް ފުރަން ހަމަޖައްސައިފި އެވެ.

ދިވެހި ޓީމް މާދަމާ ފުރާއިރު، ޓީމް ފުރަތަމަ ދަނީ ބެންޤަލޫރަށެވެ. އަދި ބެންޤަލޫރުގައި ހަތަރު ގަޑިއިރު މަޑު ކުރުމަށްފަހު ދެން ދާނީ ދިއްލީ އަށެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މާދަމާ ދިއްލީއަށް ދިއުމަށް ދިވެހި ޓީމް ފުރުމަށް ހަމަޖެހިފައި ވަނީ އިންޑިއަން އެއާލައިންސް އިންނެވެ.

އަންނަ މަހުގެ ދެ ވަނަ ދުވަހަ ފަށާ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ނުކުންނަ ދެ ޓީމަކީ ބަންގްލަދޭސް އާއި ޕާކިސްތާނެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރައްޖެ ގަޑިން 2:30 ގައެވެ. ދެވަނަ މެޗުގައި ނުކުންނަ ދެ ޓީމަކީ ރާއްޖެއާ ނޭޕާލެވެ. މިމެޗް ކުޅެނީ ރާއްޖެ ގަޑިން 5:30 ގަ އެވެ.

މިފަހަރުގެ މުބާރާތުގައި ކޮންމެ ދުވަހަކު ދެ މެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު، މެޗްތައް ކުޅެނީ މިދިޔަ އަހަރު ކޮމެންވެލްތު ގޭމްސް ބޭއްވި ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގެއެވެ. އެ ސްޓޭޑިއަމަކީ 60،000 މީހުންގެ ޖާގަ އޮންނަ ސްޓޭޑިއަމެކެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ރާއްޖެ ހޯދި ނަތީޖާ:

1997 ވަނަ އަހަރު: ރަނަރަޕް
1999 ވަނަ އަހަރު: ތިން ވަނަ
2003 ވަނަ އަހަރު: ރަނަރަޕް
2005 ވަނަ އަހަރު: ސެމީ ފައިނަލް
2008 ވަނަ އަހަރު: ޗެމްޕިއަން
2009 ވަނަ އަހަރު: ރަނަރަޕް