ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާއާ ގުޅުވައިގެން ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޮކް ސަބާގެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނެސްދިނުމުގެ ނަމުގައި ބޮޑެތި ލޯނުތަކެއް ދީގެން ޗައިނާއިން ރާއްޖެ ބޮޑު ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާ ކަމަށެވެ. އަދި ޗައިނާ އިން ލޯނުތައް ރީސްޓްރަކްޗާ ކުރަން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ 1700ގެ އަހަރުތަކުގައި އިންޑިއާގައި އަތްގަދަކުރި އީސްޓް އިންޑިއާ ކޮމްޕެނީއަށް ވުރެ ގިނައިން ޗައިނާ އިން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ބިންތައް ފޭރިގަނެފައިވާ ކަމަށް ވިދާޅުވާ ވާހަކަ ވެސް ތަކުރާރު ކުރައްވައިފަ އެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ސަފީރު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ "ރާއްޖޭގެ ކޮންމެސް ސިޔާސީ ބޭފުޅަކު" ޗައިނާ އާ ގުޅުވައިގެން އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް އަނެއްކާ ވެސް ދައްކަވާފައިވާ ކަަމަށެވެ.

ސަފީރު ވިދާޅުވީ ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދާ އިންވެސްޓްމަންޓުތަކާއި އެހެން ގައުމުތަކުގައި ކުރާ އިންވެންޓްމަންޓުތަކާ އެއްވެސް ތަފާތެއް ނެތް ކަމަށާއި، ޗައިނާ އިން ރާއްޖޭގެ ބިމެއް ފޭރިގެންފައި ނުވާނެ ކަމަށެވެ.

"މިހާތަނަށް އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަށްތަކުގައި އިންވެސްޓުކޮށްފައި ވަނީ ވަރަށް މަދު އަދަދެއްގެ ޗައިނާގެ އަމިއްލަ ކުންފުނިތަކުން. އަދި އޮޕަރޭޝަންތައް ވެސް ނުފެށޭ،" ސަފީރު ވިދާޅުވި އެވެ.

ޗައިނާގެ ލޯނުތައް ރީސްޓްރަކްޗާ ކުރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައި ސަފީރު ވަނީ ދެ ގައުމުން ވެފައިވާ އެއްބަސްވުންތަަކަށް އިހްތިރާމް ކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި މިނިވަން މުސްތަގިއްލު ގައުމެއްގެ އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަން ވެސް ސަފީރު ފާހަގަ ކުރެއްވި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު 2017 ވަނަ އަހަރު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ވުޖޫދުގައި ވެސް ނެތް ކަމަށާއި އެ އެއްބަސްވުން ކުރިއަށް ނުގެންދަވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"އަހަރުތަކެއްގެ މަޝްވަރާއަށް ފަހު ދެ ގައުމުން ސޮއިކޮށްފައިވާ އެއްބަސްވުމާ މެދު ސަރުކާރުން ބުއްދިވެރި ނިންމުމެއް ނިންމާނެކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް،" ސަފީރު ވިދާޅުވި އެވެ.

ޗައިނާއިން ލޯނު އެހީގެ ނަމުގައި ރާއްޖެ ބޮޑު ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާ ކަމަށް ނަޝީދު ވިދާޅުވުމުން، ސަފީރު ވިދާޅުވީ ޗައިނާ އަކީ ދަންތުރަ ޖަހާ ބައެއް ނޫންކަމަށާއި، ޗައިނާއިން ފޯރުކޮށްދެނީ އެހީތެރިކަން ކަމަށެވެ.

އަދި ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ އިތުރުން، ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމަކީ ވެސް ޗައިނާކަން ސަފީރު ފާހަގަ ކުރެއްވި އެވެ.

"ދަރަނީގެ ދަންތުރަ ކަމަށް އެ ވިދާޅުވަނީ ހިޔާލީ ވާހަކައެއް،" ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ހާރިޖީ ގުޅުންތަކާ މެދު ރާއްޖޭގެ ސިޔާސީ ލީޑަރުން ޒިންމާދާރު ވިސްނުންތަކެއް ގެންގުޅޭ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ދެ ގައުމުން ގުޅިގެން ހާސިލް ކޮށްފައިވާ ކަންކަން ވިސްނައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ރަނގަޅު ގޮތުގައި އެކުގައި ކުރިއަށް ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިއީ ނަޝީދު ޗައިނާއަށް ފާޑު ވިދާޅުވި ފުރަތަމަ ފަހަރެއް ނޫނެވެ. އަދި ނަޝީދުގެ ވާހަކަތަކަށް ސަފީރު ރައްދު ދެއްވި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ.

ނަޝީދު އާއި ޗައިނާ ސަފީރު ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ހަމަ މި މައްސަލާގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކޮށްފަ އެވެ.