ތ. ބުރުންޏަށް މިއަދު ކުރި ވިއްސާރައިގައި ހޮނު އެޅުމުގެ ސަބަބުން ގިނަ އަދަދެއްގެ އިލެކޮޓްރޯނިކް ސާމާނު ހަލާކުވެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ބުރުނީ ކައުންސިލް މެންބަރު އުސްމާން އަރީފް 'ސަން' އަށް ވިދާޅުވީ، މިއަދު 3:30 ކަން ހާއިރު ނެގި ބޯ ވިލާގަނޑެއްގައި އެ ރަށަށް ހުއްޓުމެއް ނެތި ގިނަ އިރުތަކެއް ވަންދެން ވާރޭ ވެހި ފެންބޮޑުވެފައިވާ ކަމަށެވެ.

"ފުސްގަނޑެއް ނަގައި މުޅި ރަށް އަނދިރިކޮށްލާފައި ވާރޭ ވެހެން ފެށީ. ދެން ވަރަށް ބާރަށް ތިން ގުގުރިއެއް ޖެހީ. ތިން ފަހަރަކަށް ވިދު ކަނޑައިގެން ދިޔަ. ވިދުކަނި ރަށުގެ އެކި ހިސާބުތަކުގެ ބިމުގައި ވެސް ޖެހުނު. އަޅުގަނޑު ލޮލުން ވެސް ދެކުނިން ވިދު ކަނި އައިސް ގެއެއްގެ ޓިނުގަނޑުގައި ޖުހުނު މަންޒަރު،" އުސްމާނު ވިދާޅުވި އެވެ.

ހޮނު ގުގުރިއާ އެކު ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑައިގެން ދިޔަކަން އުސްމާން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެއާ އެކު ވަރަށް ގިނަ ގެތަކުގެ އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން ގެ އަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އުސްމާނު ވިދާޅުވި އެވެ.

"ގާތް ގަޑަކަށް 25 އަކަށް ނޫނީ 20 އަކަށް ޓީވީ އެބަވޭ ހަލާކުވެފައި. ބައެއް ގެތަކުގެ ހުރި ހުރިހާ ޓީވީތަކެއް ވަނީ ހަލާކުވެފައި. ބައެއް ގެތަކުގެ ފަންކާތައް ވެސް ވަނީ ހަލާކުވެފައި،" އުސްމާނު ވިދާޅުވި އެވެ.

އާބާދީގައި 340 މީހުން ދިރިއުޅޭ އެ ރަށުގައި 85 ވަރަކަށް ގެ ހުންނަ ކަމަށް އުސްމާނު ވިދާޅުވި އެވެ. އެގޮތުން ކައުންސިލުން ބެލި ބެލުމުން ރަށުގެ 30 ގެ އަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަން ފާހަގަ ކުރެވުނު ކަމަށާއި އެހެން ނަމަވެސް ހުރިހާ ގެތަކަށް ކަރަންޓު އަލުން ގުޅައި، ފަންކާ ހަލާކުވި ގެތަކުގައި ކައުންސިލުން ފަންކާ ހަރުކޮށްދީ އެ ގެތަކުގައި މީހުންނަށް އުޅެވޭވަރު ކޮށްދީފައިވާނެ ކަމަށް އުސްމާނު ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އދ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް މިހާރު ވެސް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އަދި އެ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.