ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ތަމްރީން ކުރުމަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއި އެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ނިއުދިއްލީގައި ހުންނަ ހައިދަރުއާބާދު ހައުސްގައި މިހާރު ކުރިއަށްދާ ދެގައުމުގެ ހަ ވަނަ ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގަ އެވެ.

އެއްބަސްވުމުގެ ތަފްސީލް ދެއްވަމުން އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ، ކޮމިޝަނުގެ މުވައްޒަފުން ތަމްރީން ކުރުމުގައި މިހާރަށް ވުރެ އިތުރު ފުރުސަތުތައް ލިބިގެން ދާނެ ކަމަށެވެ.

"ދެން އޭގެ ދަށުން އިލެކްޝަން ކޮމިޝަނަށް ފަސޭހަވެގެން ދާނެ ޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާއި މީޑިއާތަކަށް އިތުރު ތަމްރީންތައް ދިނުމަށް،" އަކްރަމް ވިދާޅުވި އެވެ.

އިންޑިއާ އިން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ތަމްރީން ކުރަމުންނެވެ. އަދި މިއަދު ސޮއި ކުރި އެއްބަސްވުމާއި އެކު އެ ތަމްރީންތަކުގެ އަދަދު އިތުރުވެ އެކަމުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަން އަކްރަމް ވަނީ ފާހަގަކުރައްވައިފަ އެވެ.