ނޭޕާލް ގައުމީ ޓީމުގެ ފޯވާޑް ބަރަތް ކަވަޝްގެ ކުޅުމަށް ތަޢުރީފް ކޮށް، އޭނާ އަންނަ މަހު އިންޑިއާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ތަރިއަށް ވެގެންދާނެ ކަމަށް އެޓީމުގެ ކޯޗް ގްރަހަމް ރޮބަޓްސް ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަކީ މުބާރާތުގެ ފޭވަރިޓުން ކަމަށާއި، އެޓީމު ބަލިކުރާ ޓީމަކީ މުބާރާތުގެ ޗެމްޕިއަނުން ކަމަށް ކޯޗް ރޮބަޓްސް ބުނެފައި ވެއެވެ. މީގެ އިތުރުން، ނޭޕާލް ޓީމު އޮތީ ރަނގަޅަށް ތައްޔާރު ވެގެން ކަމަށާއި ކުޅުންތެރިން ފިޓްކަމަށް ވެސް ރޮބަޓްސް ބުންޏެވެ.

"ބަރަތް ކަވަޝް މުބާރާތުގެ ތަރިއަށް ވެގެންދާނެ. ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރަށް. އިންޑިއާ އަކީ މުބާރާތުގެ ފޭވަރިޓް ޓީމު. އެޓީމު ބަލިކުރާ ޓީމު ވެގެންދާނީ ޗެމްޕިއަން ޓީމަށް. ސްކޮޑުން ބާކީކުރި ހަތަރު ކުޅުންތެރިން ނަކީ ވެސް މޮޅު ކުޅުންތެރިން. އޭއެފްސީ ޗެލެންޖް ކަޕް ތޭވީސް ކުޅުންތެރިންގެ ސްކޮޑަށް އެކުޅުންތެރިން އެނބުރި އަންނާނެ،" ރޮބަޓްސް ބުންޏެވެ.

އަންނަ މަހު 2 ން 11 އަށް އިންޑިއާގައި ބާއްވާ ސާފް ޗެމްޕިއަން ޝިޕު ގައި ނޭޕާލް ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ދިވެހިރާއްޖެ އާއި އެއް ފަޅިއެއްގަ އެވެ. ގްރޫޕް ބީ ގައި ހިމެނޭ އަނެއް ދެ ޓީމަކީ ބަންގްލަދޭޝް އާއި ޕާކިސްތާނެވެ. ގްރޫޕް އޭ ގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި، އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާން އެވެ.