އައިޖީއެމްއެޗުގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ހިދުމަތް އަންނަ އަހަރު ތައާރަފުކުރުމަށް ތައްޔާރުވެއްޖެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗުގެ މެޑިކަލް ޑައިރެކްޓަރު ޑރ. ޔޫސުފް ޝާން ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ ޔޫރޯލަޖީގެ ތެރެއިން ކިޑްނީ ޓްރާންސްޕްލާންޓުގެ ހިދުމަތް އަންނަ އަހަރުގައި ތައާރަފުކުރުމަށް ކަމަށެވެ.

ޝާން ވިދާޅުވީ ކިޑްނީ ޓްރާންސްޕްލާންޓްގެ މަސައްކަތް ކުރިއަށް ގެންދާނީ އައިޖީއެމްއެޗުގައި ކަމަށްވާތީ އެކަމަށް އޮޕަރޭޝަން ތިއޭޓަރު އިތުރަށް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.

"އެތަނުގެ އެއާ ހެންޑްލިން ފަދަ ކަންތައް އިތުރަށް ތަރައްގީ ކުރަން ޖެހޭނެ. އޮޕަރޭޝަން ކުރަނީ އިމިއުނިޓީ ވަރުގަދަ ނޫން ބައެއް ކަމަށް ވުމުން އޮޕަރޭޝަން ތިއޭޓަރު އެކަމަށް ތައްޔާރުކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެކަމަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރުމަށް ރާއްޖެ އިން ބޭރަށް ދާ ކަމަށް ޝާން ވިދާޅުވި އެވެ.

ޝާން ވިދާޅުވީ ޓްރާންސްޕްލާންޓްގެ މަސައްކަތަކީ ރާއްޖެއަށް ވަރަށް އާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމަށް ހާއްސަ ގަވާއިދުތަކެއް ހެދިފައި ހުންނަން ޖެހޭ ކަމަށެވެ.

"މިސާލަކަށް ޑޯނާއަކަށް ވެވޭނީ ކާކަށް ކަމަށާއި. މިހުރިހާ އެއްޗެއް ވަރަށް ރަނގަޅަށް ލިޔެވިފައި ހުންނަން ޖެހޭ. އެތިކަލް އިޝޫތަކެއް އަރާފާނެ ކަމެއް މިއީ. އެއްބައި ގައުމުތަކުގައި އެބަހުރި ގާނޫނެއް ނުހަދާ ފަށާފައި. އެހެންކަމުން ނަހަމަގޮތުގައި ކިޑްނީ ހޯދުން ކަހަލަ ކަންތައް ކުރިއަށް ގޮސްފައިވަނީ ކުރީގައި،" އޭނާ ވިދާޅުވި އެވެ.

ޝާން ވިދާޅުވީ މިހާރު ދަނީ ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ޝާން ވިދާޅުވީ ޔޫރޯލޮޖީގެ ހިދުމަތަށް ތިން އަހަރުވި އިރު ފުރަތަމަ ފެށި އިރު ފުރަތަމަ ކުރީ އެއް އޮޕަރޭޝަން ކަމަށެވެ. އެހެންނަމަވެސް މިހާރު ލިބިފައިވާ ވަގުތު ކުޑަވެފައި ކުރާ އޮޕަރޭޝަންގެ އަދަދު ވަނީ މިހާރު އިތުރު ވެފައި ކަމަށް އޭނާ ފާހަގަކުރައްވާފަ އެވެ.

އެއީ ރައްޔިތުންގެ އިތުބާރު އިތުރުވެފައިވާ ކަމުގެ ހެއްކެއް ކަމުގައި ޝާން ސިފަކުރައްވާފައިވެ އެވެ.