13 Dec 2019, 14:21
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އިންޑިއާގެ ވެރި ރަށުގެ ހައިދްރަބާދު ހައުސްއިން އެގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ސުބްރަމާނިޔަމް ޖަޔަޝަންކަރު މަރުހަބާ ދަންނަވައިފި އެވެ.
މިނިސްޓަރު ހައިދްރަބާދު ހައުސްއަށް މިއަދު ވަޑައިންނަވާފައިވަނީ މޯލްޑިވްސް ޖޮއިންޓް ކޮމިޝަންގެ ހަވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ދެ ބޭފުޅުން ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދާނީ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގެ ތެރެއިން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއާ އާއި އިންޑިއާ އާދެމެދެ ޖޮއިންޓް ކޮމިޝަނެއް އުފައްދާފައި ވަނީ 1986 ވަނަ އަހަރު އިގްތިސާދީ ގޮތުންނާއި ފަންނީ ގޮތުން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމަށް ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
މި ކޮމިޝަންގެ މަގްސަދަކީ ހުރިހާ ދާއިރާއަކުން ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމެވެ. އެންމެ ފަހުން ދެ ގައުމުގެ ޖޮއިންޓް ބައްދަލުވުމެއް ބާއްވާފައި ވަނީ 2015 ވަނަ އަހަރު މާލޭގައެވެ.