އަންނަ މަހުން ފެށިގެން ގިނަ ބާވަތްތަކަކުން ޑިއުޓީ ކަނޑައިލަން އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އާންމު ކޮށް ބޭނުންކުރާ ގިނަ ތަކެތިން މުޅިންހެން ޑިއުޓީ ކަނޑާލާފައި ވާއިރު ގިނަ ތަކެތިން ޑިއުޓީ ނަގާ މިންވަރު ވަނީ ދަށްކޮށްފަ އެވެ. އެއާއެކު ރައްޔިތުންގެ އުންމީދުތަކެއް ވެސް އެބަހުއްޓެވެ. އެއީ އުފުލިފައިވާ ތަކެތީގެ އަގުތަށް ތިރިވުމަށް ކުރާ އުންމީދެވެ.

ތަކެތީގެ އަގުތައް އުފުލުމުގެ އަސްލަކީ މުދާ އެތެރެ ކުރާއިރު ބޮޑެތި އަދަދުތަކުން ނަގާ ޑިއުޓީކަމަށް ސަރުކާރުން އަބަދުވެސް ބުނެ އެވެ. ޑިއުޓީ ކަނޑައިލުމުން ތަކެތީގެ އަގު ތިރި ނުވުމަކީ އެއީ ވިޔަފާރިވެރިންގެ އިހުލާސްތެރިކަމާއި ގުޅިފައިވާ ކަމެއް ކަމަށް ވެސް ގަބޫލު ކުރާ ބަޔަކު އުޅެ އެވެ.

ހިޔާލުތައް އެހެން ހުރިއިރު ވިޔަފާރިވެރިން ތަމްސީލް ކުރާ، ވިޔަފާރިވެރިންގެ ގައުމީ ޖަމްއިއްޔާގެ ހަޒާންދާރު އަހުމަދު އަދީބުގެ ދެކެލައްވާ ގޮތުން ޑިއުޓީ ކަނޑައިލިޔަސް ވިޔަފާރިވެރިން ހަގީގަތުގައި އުފުލަންޖެހޭ "ބޮޑެތި ބުރަތައް" ހުރި ގޮތަށް ހުންނާނެ އެވެ. ޑޮލަރު ލިބުން ދަތިވުމާއި ބޭރަށް ގޮސް މުދާ ގެނައުމަށް ކުރަންޖެހޭ ހަރަދުތަކަކީ ތަކެތީގެ އަގު ބޮޑުކުރަން ވިޔަފާރިތަކަށް މަޖުބޫރުކުރާ މައިގަނޑު ސަބަބުތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންކަން އިނގޭނީ އިގުތިސޯދުގައި އުޅޭ މީހަކަށް. ޑިއުޓީ ކެނޑޭ އިރު ޑޮލަރު ނުލިބުން، ބޭރަށް ގޮސް މުދާ ގެންނަން ކުރަންޖެހޭ ހަރަދުތައް އެކަން ކަމަށް ހައްލެއް ނުހޯދޭ. ހަމަ ބޮޑު އަގުގައި އެ ހުރީ. އެހެންވީމާ އަގުތަކަށް އަންނާނެ މާބޮޑު ބަދަލެއް ނެތް،" އަދީބު ވިދާޅުވި އެވެ.

ގިނަ ބާވަތްތަކުގެ ޖޫހާއި ފިނި ބުއިންތައް ރާއްޖެ އިމްޕޯޓުކުރާ ޔޫރޯ ސްޓޯރު، ވެރިޔާ އަލީ ވަސީމްގެ ހިޔާލު އަދީބުގެ ހިޔާލާއި ކޮންމެވެސް ވަރަކަށް ތަފާތެވެ. ވަސީމް ވިދާޅުވާ ގޮތުން ތަކެތީގެ އަގުތަކަށް މާބޮޑު ބަދަލުތަކެއް ވަގުތުން ވަގުތަށް ނާންނާނެ އެވެ. ނަމަވެސް ދެ މަހާއި ތިން މަހާ ދެމެދުގެ ތެރޭގައި ތަކެތީގެ އަގުތަލަށް ބަދަލު އަންނަން ފަށާފާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންނަ ޖެނުއަރީން ފެށިގެން ހަ ޕަސެންޓް ޖީއެސްޓީއަކަށް މިވަނީ. ހުރިހާ ކާބޯތަކެއްޗާ ގުޅޭ އެއްޗެހިން 15 ޕަސެންޓް އިންނަންޏާ އެ 15 ޕަސެންޓް މަދުވާނެ. އެ މަދުވާއިރުގައި އެ ޑިއުޓީ މަދުވާބަޔަށް އެމީހުން ލާނެ ހަ ޕަސެންޓުގެ ޕްރޮފިޓެއް. ގާތްގަނޑަކަށް ތިނެއް ނޫނީ ހަ ޕަސެންޓްގެ ތަފާތެއް އައިސްފާނެ،" ވަސީމް ވިދާޅުވި އެވެ.

އިމްޕޯޓު ޑިޔުޓީގެ ބުރަ ވީއްލިގެންދާއިރު ތަކެތީގެ އަގުތަށް ކުޑަ ކުރުމުގެ ބާރު ވިޔަފާރިވެރިންގެ އަތް މައްޗަށް ދާނެ ކަމައް ވަސީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަކެތީގެ އަގުތަށް ކުޑަވިޔަސް އޭގެ އަސަރު ފެންނާނީ ފެބުރުއަރީ މަހުން ފެށިގެން ކަމަށެވެ.

"ހަމަ ގައިމުވެސް އަޅުގަނޑުމެން އާ އަހަރުގެ ބަންދުގެ ކުރިން ތިން މަހަށް ސްޓޮކް ގެނެސްގެން މިއުޅެނީ. އެހެންވީމާ އަޅުގަނޑުމެންގެ ތަކެތިން ތަފާތެއް ފެންނާނީ ފެބުރުއަރީ ހިސާބުގައި. އެހެން ބޭފުޅުން ވެސް އެގޮތަށް ހުންނާނީ ސްޓޮކް ގެނެސްފައިކަމަށް ބެލެވެނީ،" ވަސީމް ވިދާޅުވި އެވެ.

ޑިއުޓީގެ ލުޔާއި އެކު އަންނަ ޖެނުއަރީން ފެށިގެން ހަ ޕަސެންޓުގެ ޖީއެސްޓީ ނަގަން ފަށާއިރު ޑިއުޓީ މާފުވާ ބާވަތްތަކަކީ ލަކުޑި އާއި ޕްލައިވުޑާއި ދަގަނޑާއި ހިލަ އާއި ހިލަވެއްޔާއި ސިމެންތި އާއި ޓިނާއި ބިއްލޫރި އާއި އެލްމެނިއަމްގެ ބައެއް ބާވަތްތަކާއި ޕްލާސްޓިކް ހޮޅި އާއި ފިޓިންސްއާއި ދަނޑުވެރިކަމަށް އެތެރެކުރާ ބާވަތްތަކާއި ޓޫރިޒަމަށް ބޭނުންކުރާ މުދަލާއި އުޅަނދުފަހަރާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރާއި އަދި އިގްތިސާދީ މަސައްކަތްތަކަށް ވަގުތީ ގޮތުން ގެންނަ އުޅަނދު ފަހަރެވެ.

މިހާރު 25 ޕަސެންޓްގެ ޑިއުޓީއެއް ނަގާ ތަށިމުށީގެ ޑިއުޓީ ފަސް ޕަސެންޓަށް ވަނީ ކުޑަ ކޮށްފަ އެވެ. މީގެ އިތުރުން ފަރުނީޗަރާއި ބާލީހާއި ގޮދަޑި އާއި ބޭސް މެޓަލުން ހަދާފައި ހުންނަ ބާވަތްތަކުގެ ޑިއުޓީ ވެސް ފަސް ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ. އެ ތަކެއްޗަކީ މިހާރު 20 ޕަސެންޓް ޑިއުޓީ ނަގާ ތަކެއްޗެވެ. އަދި ބަދިގޭގައި ބޭނުންކުރާ ތަކެތީގެވެސް ޑިއުޓީ ވަނީ 10 ޕަސެންޓް ތިރިއަށް ޖައްސާފަ އެވެ.

މުހިންމު ގިނަ ތަކެތިން ޑިއުޓީ މުޅިންހެން މާފުވާއިރު، ފައިވާނާއި ބޫޓުގެ ވިޔަފާރި ކުރާ ޝޫކިންގު ހާލިދު އަބްދުﷲ އަލީ މިއަދު ވިދާޅުވީ ތަކެތީގެ އަގުތަކަށް "އެއްވެސް ބަދަލެއް" ނާންނާނެ ކަމަށެވެ. ހާމިދުގެ ވިދާޅުވީ މިހާ ހިސާބަށް ވެސް ތަކެތީގެ އަގުތައްވެސް ބޮޑުކޮށްފައިހުރީ ޑޮލަރުގެ އަގަށް އައިބަދަލުތަކުގެ ސަބަބުން ކަމަށެވެ. އެ ސަބަބުތަށް ނައްތައި ނުލެވި ހަމައެކަނި ޑިއުޓީ ކެޑުމަކުން ހައްލެއް ނެތް ކަމަށް އޭނާ ދެކިލައްވަ އެވެ.

"އަންނަ ޖެނުއަރީން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓް. އިންކަމް ޓެކްސްވެސް އެބަނެނގޭ. އަދި ޑޮލަރުގެ މައްސަލައާއި އެހެނިހެން މައްސަލަތައް ހުރި ގޮތަށް ހުރީ. ހަމައެކަނި ޑިއުޓީ މި ކަނޑާލަނީ. އެހެންވީމާ އޭގެން އަގުތަކަށް އަންނާނެ ބަދަލެއް ނެތް،"